English Edition
Dhivehi Edition

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި 1-0 ގެ ނަތީޖާއިން އަލްބޭނިއާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޕެއިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން އިޓަލީ އަތުން އެޓީމު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި ރޭގައި އަލްބޭނިއާ އާއި ވާދަކުރި ގްރޫޕުގެ ފަހު މެޗު ސްޕެއިނުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ސްޕެއިން ނުކުތީ ބޮޑެތި ބަދަލުތަކަކާއި ވެސް އެކުގައެވެ. އެގޮތުން ފުރަތަމަ އެގާރައިގައި ގިނަ އަދަދަކަށް ބަދަލުކުޅުންތެރިން ވަނީ ހިމަނާފައެވެ.

ސްޕެއިނުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ފެރާން ޓޮރޭޒް އެވެ. މިއީ އެޓީމުގެ ޑެނީ އޯލްމޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުންވެސް މިހާފުގައި ސްޕެއިނުން ވަނީ އަލްބޭނިއާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އަލްބޭނިއާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާބެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ މެޗުގެ ޗުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑާއި އެކު ސްޕެއިން ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުންވެސް މޮޅުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޕެއިން ދެވަނަ ބުރުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި އަލްބޭނިއާ އިން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު ގުރޫޕްގެ ފުލުގައި އޮވެގެންނެވެ.