English Edition
Dhivehi Edition

ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމަށް މިފަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރެވޭނެ އޮތީ އެންމެ ގޮތެއްކަމަށާއި، އެއީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް 90 މިނެޓު ނުކުޅެވޭނެ ކަމަށް އަމިއްލައަށް ގަބޫލުކުރުމުން ކަމަށް އިނގިރޭސި ފުޓްބޯޅަ ލެޖެންޑް އެލަން ޝިއަރާ ބުނެފިއެވެ.

ބީބީސީ ވަންއަށް ދިން އިންޓަވިއުއެއްގައި އެލަން ޝިއާރާ ބުނީ މިވަގުތު ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގައި ރޮނާލްޑޯއަށް ވުރެ ރަނގަޅު ޒުވާން ކުޅުންތެރިން އެބަ ތިބިކަމަށާއި، އެ ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކޭކަމަށެވެ.

ރޮނާލްޑޯ އަކީވެސް މޮޅު ކުޅުންތެރިއެއް ކަމަށް ގަބޫލް ކުރާކަމަށާއި ނަމަވެސް މިހާރު ރޮނާލްޑޯގެ ކިބައިގައި 90 މިނެޓުގެ ފުރިހަމަ މެޗެއް ކުޅެވޭނެހާ ފެންވަރެއް ނެތްކަމަށް ޝިއަރާ ބުންނެފައިވެއެވެ. އޭނާ ބުނީ ޕޯޗުގަލް ޓީމުގައި މިވަގުތު އޮތީ ރޮނާލްޑޯގެ ވަރަށް ކުޑަ ދައުރެއްކަމަށެވެ. އެހެނީ މިހާތަނަށް ޔޫރޯގައި ކުޅުނު ދެމެޗުގައިވެސް ރޮނާލްޑޯގެ ދައުރު ކުޑަކަމަށް ފާހަގަވާކަމަށް އޭނާ ބުންޏެވެ.

ޝިއާރާ ބުނީ ޕޯޗުގަލް ޓީމަކީ މިފަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ އެންމެ ފެންވަރު ރަނގަޅު ކުޅުންތެރިން ތިބި ޓީމުކަމަށާއި ނަމަވެސް އެކަން ވާން އޮތީ ރޮނާލްޑޯ ދަނޑުމަތީގައި 90 މިނެޓު ނުކުޅެވޭނެކަން ގަބޫލުކުރުމުގެ މައްޗަށްކަމަށެވެ.

” ޕޯޗުގަލް އަކީ މިފަހަރުގެ ޔޫރޯ ކާމިޔާބު ކުރެވޭނެ ފެންވަރު ހުރި މޮޅު ޓީމެއް. އެހެން ނަމަވެސް އެކަން އެޓީމަށް ވާން އޮތީ ރޮނާލްޑޯ އަށް 90 މިނެޓު ނުކުޅެވޭނެކަން ގަބޫލުކޮށްގެން.” އެލަން ޝިއަރާ ބުނެފައިވެއެވެ.

މިފަހަރުގެ ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ޕޯޗުގަލް ވަނީ ދެ މެޗު ކުޅެފައެވެ. މި ދެމެޗުގައިވެސް ރޮނާލްޑޯ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ފުލްކޮށް ކުޅެފައެވެ. ނަމަވެސް އަދި އޭނާއަށް މި މުބާރާތުގައި ލަނޑެއް ނުޖެހެއެވެ. ނަމަވެސް އެންމެ ފަހުން ތުރުކިޔޭއާއި އެކު ކުޅެ މޮޅުވި މެޗުގައި ރޮނާލްޑޯވަނީ އެސިސްޓެއް ހަދާފައެވެ.