English Edition
Dhivehi Edition
މާލިއްޔަތު ކޮމިޓީ ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

ގައުމުގެ މާލީ ހާލަތު މި ވަގުތު އޮތީ ކިހިނެއްތޯ ސާފުކުރުމަށް މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހާޒިރުކުރުމަށް ނިންމާފައިވީ ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް މިނިސްޓަރުވަނީ އުޒުރުވެރިވެ ވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ ހުރިހާ މެންބަރުން ހާޒިރުވެ ވަޑައިގެންނެވިއިރު މާލިއްޔަތު ކޮމިޓީގެ މުގައްރިރު، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ މިނިސްޓަރަށް ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވުނު ނަމަވެސް ކޮމިޓީން ބޭނުންވާ މައުލޫމާތުތައް ލިޔުމުން ހިއްސާކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުން ފެށުނުއިރު، މީޑިއާތަކުން ތިބި ނަމަވެސް ކޮމެޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ މިއީ ހައްސާސް މައްސަލައެއް ކަމުން މިނިސްޓަރު ބޭނުންފުޅުވަނީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށްގެންދިއުމަށް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިނިސްޓަރު ނެތްކަމުގައިވީ ނަމަވެސް އެ ފަދައިން ވިދާޅުވެ، ފޮނުވި މައުލޫމާތުތަކާމެދު މަޝްވަރާކުރެވޭނީ ބައްދަލުވުން ސިއްރުކޮށްގެންކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމްގެ މި ހުށަހެޅުމާއެކު ކޮމިޓީ ސިއްރުކުރަން ވޯޓަށް ހުޅުވައިލުމުން ކޮމިޓީގެ 11 މެންބަރުންގެ ތެރެއިން 7 މެންބަރުން ވަނީ ބައްދަލުވުން ސިއްރުކުރަން ތާއީދުކޮށްފައެވެ.