English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ތިން ވަޒީރުންނަށް, 20 ވަނަ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ހަތަރުވަނަ ޖަލްސާގައި އެ ތިން ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގެ ނަތީޖާއަކީ:-

  • އުޝާމް ބަންޑާރަނައިބު ކަމަށް އައްޔަންކުރަން ރުހުންދީފައި ވަނީ ވޯޓުގައި ބައިވެރިވި 87 މެންބަރުންގެ އިއްތިފާގުންނެވެ.
  • ޝަހީމަށް ރުހުން ދީފައި ވަނީ ވޯޓުގައި ބައިވެރިވި 83 މެންބަރުންގެ އިއްތިފާގުންނެވެ.
  • ހައިދަރަށް ރުހުން ދިނުމަށް ވޯޓު ދިނީ 81 މެންބަރުންނެވެ. އަދި، ރުހުން ނުދިނުމަށް 4 މެންބަރުން ވޯޓު ދީފައިވެއެވެ.

މިދިޔަ 19 ވަނަ މަޖިލީސް އުވުނުއިރު ވެސް އެ ތިން ވަޒީރުންނަށް ރުހުންދިނުމާ މެދު ދެވަނަ ފަހަރަށް ގޮތެއް ނިންމާފައި ނުވާއިރު، މިދިޔަ މަހުގެ 28ގައި ހުވާކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބޭއްވި މި ދައުރުގެ ދެވަނަ ޖަލްސާގައި ވަނީ އެ މައްސަލަ އެޖެންޑާކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަނީ އަލުން އެ މައްސަލަ ބެލުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ.

މި މަހު 5 ވަނަ ދުވަހު ބޭއްވު އެ ކޮމިޓީގެ ބައްދަލުވުމުގައި 9 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު އޭގެ ތެރެއިން އެއް މެންބަރަކު ފިޔަވައި، ދެން ތިބި މެންބަރުން ވަނީ ވަޒީރުންްނަށް ރުހުން ދޭން ފެންނަކަމަށް ފާސްކޮށްފައެވެ. ރުހުން ދިނުމަށް ވޯޓު ދީފައިނުވަނީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަހްމަދު ނަސީމެވެ.