English Edition
Dhivehi Edition

މިހާރު މި އޮތް ސަަރުކާރުން އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންސީ މައިޖަގަހަ ، ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވެފައި އޮތް ބޮޑު ވައުދު ފުއްދުމަށްޓަކައި އަންނަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގެވުމަށްކަމަށާއި އެގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ހާއްސަ ކުރާ ފައިސާގެ ތެރެއިން 50 އިންސައްތަ ހޭދަކުރާނީ ގެދޮރު ބިނާ ކުރެއްވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވެފައި އޮތީ ބޮޑު ދެ ވައުދު ކަމަށާއި އެއީ ގެދޮރުވެރިކަން ހޯދައިދިނުމާއި ވަޒީފާގެ ވައުދު ކަމަށެވެ.

އަދި ގެދޮރުވެރިކަމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާ ކަމަށާއި ގެދޮރުވެރިކަމުގެ ވައުދަކީ އެންމެ ބޮޑު ވައުދު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ވައުދު ފުއްދަވާނެ ކަމަށް ރައީސް ތަކުރާރު ކުރައްވާ ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ އެމަނިކުފާނުގެ ސަރުކާރުން އެކުލަވާލި ބަޖެއްޓެއް ނޫންކަމަށާއި، މަޝްރޫޢުތައް މިއަހަރު ރަނގަޅަށް ނުފެށިގެން އުޅެނީ މިއަހަރުގެ ބަޖެޓްގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް އެކަށީގެންވާ މިންވަރަށް ފައިސާ ޖަހާފައި ނެތުމުންކަމަށެވެ.

އަދި އެކަން އެހެން އޮތްނަމަވެސް މިފަސްއަހަރު ނިމޭއިރު އެމަނިކުފާނުގެ ވައުދުފުޅުތައް ރަނުންރަނަށް ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމުގައި އެމަނިކިފާނު ވިދާޅުވިއެވެ.