ޖަރުމަނުގައި މިހާރު ކުރިއަށް ދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ފަހަތުންއަރައި ސްލޮވާކިއާ ބަލިކޮށް ދެވަނަ ބުރުގެ އުންމީދު ޔޫކްރޭނުން އައުކޮށްފިއެވެ.
މިރޭ ކުޅުނު މެޗުން ސްލޮވާކިއާގެ މައްޗަށް ޔޫކްރޭނުން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ބުރުގެ ޖާގައެއް ޔަގީން ކުރުމަށް ދެޓީމަށް ވެސް މިރޭގެ މެޗު މުހިންމުއިރު، މި މެޗު ކާމިޔާބުކޮށްގެން ސްލޮވާކިއާއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ. ނަމަވެސް މެޗުން ބަލިވުމުން އެޓީމަށް ޖެހިފައިވަނީ އިތުރު އިންތިޒާރެއް ކުރާށެވެ. ހަމަ އެގޮތަށް ޔޫކްރެއިންނަށް ވެސް ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރެވެން އޮތީ މި މެޗުން މޮޅުވެގެންނެވެ.
މެޗު ފެށިގެން 17 ވަނަ މިނެޓުގައި ސްލޮވާކިއާއިން މެޗުގެ ލީޑުނެގިއެވެ. އެޓީމަށް ލީޑުނަގައިދިން މި ލަނޑު ޖެހީ ލޫކަސް ހަރާސްލިންގެ އެހީތެރިކަމާއި އެކު އިވާން ޝްރަންޒްއެވެ.
ސްލޮވާކިއާ ލީޑުގައި އޮވެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން މެޗުގެ 58 ވަނަ މިނެޓުގައި ޔޫކްރެއިނުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އޮލެކްސެންޑާ ޒިންޗެންކޯ ތަނަވަސްކުރި ފުރުސަތަކުން އެ ލަނޑު ޖަހައިދިނީ މިކޯލާ ޝަޕަރެންކޯއެވެ.
މެޗުން މޮޅުވި ލަނޑު ޔޫކްރޭނުން ޖެހީ މެޗު ނިމެން 10 މިނެޓަށް ވެފަައިވަނިކޮށެވެ. އެ ލަނޑު ޔޫކްރޭނަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރޯމަން ޔަރްމަޗުކްއެވެ.
މި މޮޅާއި އެކު ޔޫކްރޭން ވަނީ ދެ މެޗުން ތިން ޕޮއިންޓު ހޯދައިގެން ގްރޫޕް އީގެ ދެވަނައަށް ޖެހިލައިފައެވެ. މި މެޗުން ބަލިވި ސްލޮވާކިއާ އަށްވެސް ދެ މެޗުން ލިބެނީ ތިން ޕޮއިންޓެވެ. އެ ޓީމު އޮތީ ގުރޫޕުގެ ތިންވަނައިގައެވެ.
މި ގުރޫޕުގެ އެއްވަނައިގައި ރޮމާނިއާ އޮތީ އެއް މެޗު ކުޅެ ހޯދި ތިން ޕޮއިންޓި ހޯދައިގެން ފައިދާ ގޯލުގެ ތަފާތުންނެވެ.
ގްރޫޕްގެ އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް ބެލްޖިއަމްއެވެ.