English Edition
Dhivehi Edition

މި އަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މިފަހަރު ދިވެހި ހައްޖާޖީންނަށް ދިވެހި ރަހަތަކާއެކު، ފެންވަރު ރަނގަޅު ކާނާ ފޯރުކޮށްދެވުނު ކަމަށާއި ބަލި މީހުންނަށް އެންމެ މަތީ ދަރަޖައަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ.

” ޑައިލެލިސް ހަދާ މީހުންނާއި، ކެންސަރަށް ފަރުވާ ހޯދާ ބައެއް މީހުންނާއި، ހިތުގެ ބަލި ހުންނަ ބައެއް މީހުން ހާޖީންގެ ތެރޭގައި ތިބިއިރު އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުނު . އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުނު ” ވަޒީރު ގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ޝަހީމް ވިދާޅުވީ، ގެއްލިގެން މަގު އޮޅުނު 100 އެއްހާ ހާޖީން ސްމާޓް ޓެގް ޑިވައިސްގެ އެހީގައި ހުރި ތަނެއް ބަލައިގެން ހޯދި ކަމަށާއި ޢަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ބަލި މީހުން ވެސް އަރަފާތަށް ގެންދެވުނު ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ފުރޮޅުލީ ގޮނޑީގައި ގިނަ އަދަދެއްގެ ހާޖީން އުޅުނުއިރު އެންމެނަށް އެހީތެރިކަން ދިންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިނާގެ ފޭލިގެތަކުގައި ތާށިކަމެއް ހުރި ކަމަށާއި އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތް ތަނުގައި އެކަން ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެނައި ދެވަނަ ފަހަރުކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ މިފަހަރު އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާޙައުލެއްގައި ހާޖީންގެ ސަލާމަތާއި ޞިއްޙަތާއި ރައްކާތެރިކަމަށް ކަމަށެވެ.

ޝަހީމް ވަނީ ހައްޖުގެ ކަންކަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމަށް އެހީތެރިކަން ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރު ހުރިހާ ހައްޖު ކޯޓާއެއް ވެސް ލިބުނީ ހައްޖު ކޯޕަރޭޝަނަށެވެ. މި އަހަރު ރާއްޖެއިން ޖުމްލަ 1150 މީހުންވަނީ ހައްޖަށް ގޮސްފައެވެ.