English Edition
Dhivehi Edition

ޔޫރޯ 2024 ގެ ގުރޫޕް އީގައި ހޯމަދުވަހުގެ ރޭ ކުޅެވުނު މެޗުގައި ބެލްޖިއަމް ބަލިކޮށް ސްލޮވާކިއާ އިން މުބާރާތް މޮޅަކާއެކު ފަށައިފިއެވެ.

މި މެޗުން ބެލްޖިއަމްގެ މައްޗަށް ސްލޮވާކިއާއިން ކުރި ހޯދީ 0-1 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޮޅަށް ކުޅުނީ ބެލްޖިއަމް އިންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ސްލޮވާކިއާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އިވާން ޝަރާންޒް އެވެ.

މެޗުގެ ފުރަތަމަހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުހިފުނެވެ.

މެޗުގެ ދެވަނަ ހާފަށް ކުޅެން ނުކުމެ، ބެލްޖިއަމް އިން ވަނީ ނަތީޖާ އަނބުރާލަން ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ އެޓޭކުތައް ވަރުގަދަކޮށް ސްލޮވާކިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖައެއްގެ ގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ބެލްޖިއަމްގެ ފޯވާޑް ލުކާކޫ ވަނީ ލަނޑެއް ވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. އަދި މީގެ އިތުރުންވެސް މިހާފުގައި ބެލްޖިއަމްގެ ލިއަންޑްރޯ ޓްރޮސާޑް އާއި ޔޯހާން ބަކަޔޯކާ އަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ހުސް ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ.

މި މެޗާއި އެކު މިގުރޫޕުން ކޮންމެ ޓީމެއް ވެސް މިހާރު ވަނީ އެއް މެޗު ކުޅެފައެވެ. މި ގުރޫޕުގެ ނަތީޖާތަކަށް ބަލާއިރު، ގުރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ ރޭ 3-0 ގެ ނަތީޖައަކުން ޔުކްރެއިން ބަލިކުރި ރޫމޭނިއާ އެވެ. ދެވަނައިގައި އޮތީ ބެލްޖިއަމް ބަލިކުރި ސްލޮވާކިއާއެވެ.