English Edition
Dhivehi Edition

ދިވެހިރާއްޖޭގައި ހިންގާ އެކި މަސައްކަތްތައް ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ވިޔަފާރިތަކާ ހަވާލުކުރުމުގެ ކުރިންއެއީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްތީ ކަށަވަރު ކުރުމަށް މީރާއިން އިއްޔެ އިލްތިމާސްކޮށްފިއެވެ.

ޑެޕިޔުޓީ ކޮމިޝަނަރު ޖެނެރަލް ޓެކްސޭޝަން ހަސަން ޒަރީރު ސޮއިކުރައްވައި ނެރެފައިވާ ސާކިޔުލާއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޓެކްސްގެ ގާނޫނުގެ ދަށުން ބޭރުގެ ބައެއް ފަރާތްތަކުން މީރާގައި ރަޖިސްޓްރީ ނުކޮށް ވިޔަފާރި ކުރަމުންދާ ކަމުގެ ޝަކުވާ މީރާއަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ހިންގާ ބޭރުގެ ވިޔަފާރިތަކާ އެކިމަސައްކަތައް ހަވާލުކުރާ ނަމަ ނުވަތަ ޚިދުމަތެއް ހޯދާ ނަމަ އެކަމެއް ކުރުމުގެ ކުރިން އެއީ މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއްތޯ ޔަގީން ކުރުމަށް އެ ސާކިޔުލާގައި ވިދާޅުވެފައިވެއެވެ.

އޭގެ އިތުރަށް އެފަދަ ވިޔަފާރިތަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސައްކަތުގެ އަގަކީ އެއް މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއް ކަމަށްވާ ނަމަ، އެ ފަރާތަކީ ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަން ކަށަވަރު ކުރުމަށްވެސް އިލްތިމާސް ކުރައްވައިފައިވެއެވެ.

އެ ސާކިޔުލާގައި ވިދާޅުވެފައިވަނީ “ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ބޭނުމަށް ދިވެހިރާއްޖޭގައި ވަޒަންވެރިފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވިޔަސް އެގާނޫނުގެ 43 ވަނަ މާއްދާގެ (ބ) ގައި މާނަ ކޮށްދީފައިވާ ފަދަ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަކީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާގައި ރަޖިސްޓްރީކޮށް ޓެކްސްގެ ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އެންމެހައި ފަރާތްތަކެކެވެ.”

ޓެގު