ވޭތުވެދިޔަ އަހަރުގެ މާރޗު މަހަށް ވުރެ މިއަހަރުގެ މާރޗު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
މީރާއިން ބުނީ މިއަހަރުގެ މާރިޗު މަހު މީރާއަށް 2.18 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށެވެ. އަދި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %64.2 އިތުރު އަދަދެއް ކަމަށެވެ.
މިއީ މިއަހަރުގެ މާރިޗު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %32.0 އިތުރު އަދަދެއް ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.
މީރާއިން ބުނީ ފައިބެއަހަރުގެ މާރިޗު މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ މާރޗު މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.
މިގޮތުން، ފެބުރުވަރީ 2021 އާއި އަޅައިބަލާއިރު، ފެބުރުވަރީ 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 53.8% އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ.
މިއަހަރުގެ މާރިޗު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.10 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ޓޫރިޒަމް ލޭންޑް ރެންޓުން 541.19 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި 183.70 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 105.71 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ.
މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 65.09 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 179.79 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ.
މާރިޗު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 106.71 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.