މިއަހަރުގެ ފެބުރުވަރީ މަހު މީރާއަށް 1.41 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށާއި އެއީ އަންދާޒާކޮށްފައިވާ ޢަދަދަށް ވުރެ 17.6 އިންސައްތަ އިތުރު ޢަދަދެއް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %40.1 އިތުރު އަދަދެއް ކަމަށެވެ.
ފައިބެއަހަރުގެ ފެބުރުވަރީ މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މިއަހަރުގެ ފެބުރުވަރީ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުން ކަމަށް މީރާ އިން ބުނެއެވެ.
މިގޮތުން، 2021 ވަނަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 43.1 އިންސައްތަ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ.
މީރާ އިން ބުނީ މިއަހަރުގެ ފެބުރުވަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ ކަމަށެވެ. އެއީ 972.10 މިލިއަން ރުފިޔާ ކަމަށާއި ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އިންކަމް ޓެކްސްއިން ލިބިފައިވަނީ 138.21 މިލިއަން ރުފިޔާ ކަމަށެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 91.44 މިލިއަން ރުފިޔާ އާއި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 51.99 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެއެވެ.
މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 44.85 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 107.98 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއަހަރުގެ ފެބުރުވަރީ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް މީރާ އިން ބުނެއެވެ.