English Edition
Dhivehi Edition

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށްޓަކައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވައިލައްވައިފިއެވެ.

ޓެކްސް ކޮމިޝަނަރިގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ، މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 20 އަދި 21 ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށެވެ. މަގާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި, އެ އޮފީހުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ޓެސްކް ކޮމިޝަނަރަކަށް އައްޔަން ކުރައްވާ ބޭފުޅަކީ އިގްތިޞާދީ، މާލީ، ވިޔަފާރި ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ޤަބޫލުކުރާ އިދާރާއަކުން ހާސިލުކޮށްފައިވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. ނުވަތަ ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައި ވާންޖެހޭނެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވުމުގެ ސަބަބުން ވަގުތީ ގޮތުން އެ އިދާރާ ހިންގެވުމާ ޙަވާލުވެވަޑައިގެންފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަސްމާ ޝަފީޢުއެވެ.

ޓެގު