English Edition
Dhivehi Edition

ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު، ރޮބާޓޯ މާޓިނޭޒްގެ ނިންމުންތަކަށް އިޙުތިރާމް ކުރާނޭކަމަށާއި ކުޅެން ނާރުވައި ބެންޗުގައި ބެހެއްޓިޔަސް އެއްވެސް ފަރުވާލެއް ނެތްކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ޕޯޗުގަލް ގައުމީ ޓީމާއި އެކު ޖަރުމަނަށް ގޮސްހުރި ކެޕްޓަން ރޮނާލްޑޯ މީޑިއާއާއި ވާހަކަދައްކަމުން ބުނީ، ޓީމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ރާވާ ހަމަޖައްސާނީ ޓީމުގެ ކޯޗު ކަމަށާއި ކޯޗު ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމް ކުރާނެކަމަށެވެ.

ރޮނާލްޑޯ ބުނީ ޓީމަށް ކުޅެން އަރުވާނެ ކުޅުންތެރިންނާއި ކުޅެން ނާރުވައި ބެންޗުގައި ބައިންދާނެ ކުޅުންތެރިންވެސް ކަނޑައަޅާނީ ކޯޗުކަމަށާއި ބެންޗުގައި އިންނަން ޖެހުނަސް އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ.

ރޮނާލްޑޯ ބުނީ އޭނާ އަބަދުވެސް ހުންނާނީ ޕޯޗުގަލް ޓީމާއި އެކުގައި ކަމަށާއި އެއީ އޭނާއަށް ލިބޭ ބޮޑު ފަޚުރަކާއި ހިތްހަމަޖެހުމެއްކަމަށެވެ.

އަދި ޓީމުން އޭނާ ބޭނުންވާ ކޮންމެ ހިނދެއްގައިވެސް އެހީތެރިވެދިނުމަށް ތައްޔާރަށް ހުރި ކަމަށްވެސް ރޮނާލްޑޯ ބުނެފައިވެއެވެ. އަދި ބޭނުންވަނީ ގައުމަށް ރީތި ނަން ހޯދައިދޭންކަމަށާއި އަދި މިހާރު މިހުރީ ޔޫރޯ ފުޓްބޯޅަ މުބާރާތައް ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެއެވެ.

” ޓީމަށް އަރާނެ ކުޅުންތެރިިންނާއި ނާރުވައި ބެންޗުގައި ބަހައްޓާނެ ކުޅުންތެރިން ކަނޑައަޅާނީ ކޯޗު. ކޯޗުގެ ނިންމުމަށް އިހުތިރާމް ކުރާނަން. ބެންޗުގައި އިންނަން ޖެހުނަސް ޝަކުވާއެއް ނެތް.” ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ މިވަގުތުހުރީ ޕޯޗުގަލް ޓީމާއި އެކު ޖަރުމަނުގައެވެ. މުބާރާތުގެ ފުރަތަމަ މެޗަށް މިރޭ ޗެކް ރިޕަބްލިކްއާއި ދެކޮޅަށް ނުކުންނަން ޕޯޗުގަލް ޓީމު ތައްޔާރުވެފައި އޮތްއިރު، މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ރޮނާލްޑޯ ހިމެނިދާނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.