ޖަރުމަނުގައި މިހާރު ފެށިގެން ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނު ގުރޫޕް ބީގެ މެޗުތަކުން ސްޕެއިން އާއި އިޓަލީ މޮޅުވެއްޖެއެވެ.
ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ސްޕެއިން އާއި ކްރޮއޭޝިއާ ބައްދަލުކުރިއިރު، މި މެޗު 0-3 ގެ ނަތީޖާއިން ކާމިޔާބުކުރީ ސްޕެއިންއެވެ. މި ގުރޫޕުގެ ދެވަނަ މެޗުގައި ރޭ އިޓަލީ މޮޅުވީ އަލްބޭނިއާއާއި ވާދަކޮށް 1-2 އިންނެވެ.
ސްޕެއިން އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ސްޕެއިނުންނެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ސްޕެއިންއަށް މެޗުގައި ލީޑް ނަގައިދިނީ ކެޕްޓަން މޮރާޓާ އެވެ. މޮރާޓާ މި ލަނޑު ޖެހީ މެދުރޮނގާ ހިސާބުން ކުރިއަށް ދުއްވާލި ބޯޅައަކާއެކު އޭރިޔާ ތެރެއަށް ވަދެ ކީޕަރަށް އެއްވެސް ފުރުޞަތެއް ނުދީއެވެ.
ސްޕެއިންގެ ދެވަނަ ލަނޑު ޖެހީ ފަބިއަން ރުއިޒް އެވެ. އޭނާ ލަނޑު ޖެހީ އަމިއްލަ ހުނަރު ބޭނުންކޮށްގެންނެވެ. ޑީއޭރިޔާ ތެރެއިން ތިން ފަހަރެއްގެ މަތީން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.
މެޗުގައި ކްރޮއޭޝިއާއަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ކޮންމެވެސް ވަރަކަށް ލިބުނެވެ. ނަމަވެސް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އެޓީމަށް ނުހިފުނެވެ. ކްރޮއޭޝިޔާއަށް ފުރުޞަތެއްގެ ބޭނުން ނުހިފި ސްޕެއިންއިން ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެވެސް އެންމެ ފަހު ވަގުތު ތިންވަނަ ލަނޑެއް ޖަހާ މެޗުން މޮޅު ޔަގީން ކޮށްފައެވެ. ޒުވާން ޔަމާލް ނަގައިދިން ހުރަސް އޭރިޔާ ތެރެއިން ޖާގަ ހޯދާ ކީޕަރަށް ޖާގަ ނުދީ ގޯލަށް ފޮނުވާލީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޑެނީ ކާވަޚާލް އެވެ.
އިޓަލީ އަދި އަލްބޭނިއާ ބައްދަލުކުރި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ އިޓަލީންްނެވެ. ނަމަވެސް މެޗު ފެށިގެން ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އަލްބޭނިއާއިން ލަނޑުޖަހައި ލީޑުނެގިއެވެ. އަވަސް ގޯލާއެކު އިޓަލީ ސިއްސުވާލާ އަލްބޭނިޔާއިން ހުވަފެނީ ފެށުމެއް ހޯދި ނަމަވެސް އެގޮތުގައި ދެމި އޮވެވުނީ 11 ވަނަ މިނިޓާ ހަމައަށެވެ. އިޓަލީން ނަތީޖާ ހަމަހަމަ ކުރީ ޑިފެންޑަރ ބަސްޓޯނީ ޖެހި ލަނޑުންނެވެ. އޭނާ ލަނޑު ޖެހީ ގޯލް އޭރިޔާތެރޭގައި ހުރެ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. މެޗުގައި އިޓަލީ މޮޅުކޮށްދިން ލަނޑު ޖެހީ ނިކޯލޯ ބަރޭލާއެވެ. މެޗުގެ 16 ވަނަ މިނެޓުގައި ބަރޭލާ މި ލަނޑު ޖެހީ އަލްބޭނިއާގެ ގޯލުކުރިމަތިން ލިބުނު ބޯޅައެއް ސީދާ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެންނެވެ.
މި ނަތީޖާތަކާއި އެކު ގްރޫޕް ބީގައި ކޮންމެ ޓީމެއް ދެ މެޗު ކުޅެ ނިމުނު އިރު އެއްވަނައިގައި އޮތީ ސްޕެއިން އެވެ. ދެވަނާގައި އޮތީ އިޓަލީއެވެ.