ޔޫރޯ 2024 ގެ ގުރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުޅުން މިރޭ ޖަރުމަނުގައި ފެށޭއިރު، މި މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ޖަރުމަނާއި ސްކޮޓްލަންޑްއެވެ.
އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިނުވެ އޮތް ޖަރުމަނުން މިރޭ ސްކޮޓްލަންޑާއި ދެކޮޅަށް ނުކުންނައިރު، ސްކޮޓްލަންޑް ވެސް އޮތީ ރަނގަޅު ފޯމެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ އެންމެ ފަހުން އެޓީމުން ކުޅުނު ހަތް މެޗުންވެސް މޮޅުވެފައި އޮތުމުންނެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި ޖަރުމަނަށް އޮންނާނެ އެންމެ ބޮޑު އެޑްވާންޓޭޖަކީ އަމިއްލަ ފަސްގަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މެޗުތައް ކުޅެން ޖެހުމެވެ.
ޖަރުމަން އަދި ސްކޮޓްލަންޑް މިރޭގެ މެޗަށް ނުކުންނައިރު، މީގެ ކުރިން މި ދެޓީމު 17 ފަހަރެއްގެމަތިން ވަނީ ބައްދަލުކޮށްފައެވެ. އޭގެތެރެއިން ޖަރުމަނުން އަށް މެޗު ކާމިޔާބުކޮށްފައިވާއިރު، ސްކޮޓްލަންޑް މޮޅުވެފައިވަނީ ހަތަރު މެޗުންނެވެ. ފަސް މެޗު ވަނީ އެއްވަރުވެފައެވެ.
ޖަރުމަން އަދި ސްކޮޓްލަންޑް ޔޫރޯ މުބާރާތެއްގެ ގުރޫޕް ސްޓޭޖުގެ މެޗެއްގައި މިހާތަނަށް ވާދަކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ ސްކޮޓްލަންޑް އަލަށް ކޮލިފައިވި 1992 ވަނަ އަހަރު ސްވުޑުންގައި އޮތް މުބާރާތުގައެވެ. އެފަހަރު މި ދެޓީމު ބައްދަލުކުރި މެޗު 0-2 އިން ކާމިޔާބުކޮށްފައިވަނީ ޖަރުމަނުންނެވެ. މިއީ ޔޫރޯ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗެއްގައި މި ދެޓީމު ވާދަކުރާ ދެވަނަ ފަހަރެވެ.
މިރޭގެ މެޗަށް ދެޓީމުންވެސް ނެރޭނެކަމަށް ބެލެވޭ ފުރަތަމަ އެގާރަ ކުޅުންތެރިން
ޖަރުމަން: ގޯލްކީޕަރު ނޯޔާ، ކިމިޗް، ރުޑިގާ، ޓާހް، މިޓެލްސްޓަޑް، އެންޑްރިޗް، ކްރޫސް، މުސިއާލާ، ގުންޑޮގާން، ވިޓްޒް، ހަވަޓްޒް.
ސްކޮޓްލަންޑް: ގަން، ޕޯޓިއަސް، ހެންޑްރީ، ޓިއާނީ، ރާލްސްޓަން، ގިލްމޯރ، މެކްޓޮމިނޭ، ރޮބަޓްސަން، ކްރިސްޓީ، މެކްގިން، އެޑަމްސް.
ކޯޗުންގެ ބަސް:
މިރޭގެ މެޗާއި ބެހޭގޮތުން ވާހަކަދައްކަމުން ސްކޮޓްލަންޑްގެ ކޯޗު ސްޓީވް ކްލާކް ބުނީ މުބާރާތް ބާއްވާ ގައުމު ޖަރުމަނަކީ ވަރުގަދަ ޓީމެއްކަން އެނގޭކަމަށާއި އެހެން ނަމަވެސް އެޓީމާއި ދެކޮޅަށް ކުޅެން ޖެހިލުން ނުވާކަމަށެވެ. އަދި މިރޭގެ އެންމެ ބޮޑު ޓާގެޓަކީ ޖަރުމަނު އަތުން މޮޅެއް ހޯދުންކަމަށް ވެސް އޭނާ ބުންޏެވެ.
ޖަރުމަނުގެ ކޯޗު ނަގެލްމަން ބުނީ އަމިއްލަ ފަސްގަނޑުގައި ކުޅެން ޖެހުނަސް މިރޭގެ މެޗު ފަސޭހަ ނުވާނޭކަމަށާއި، ސްކޮޓްލަންޑް އަކީ ބަލިކުރަން ފަސޭހަ ޓީމެއް ނޫންކަމަށެވެ. ނަމަވެސް ކޮންމެ މެޗަކަށް ވެސް ނުކުންނާނީ ފައިނަލެއްކަމަށް ދެކިގެން މޮޅުވަންކަމަށް ވެސް އޭނާ ބުންޏެވެ.
މިރޭ ބައްދަލުކުރާ ދެޓީމް: ޖަރުމަން – ސްކޮޓްލަންޑް (ގުރޫޕް އޭ)
މެޗު ކުޅޭ ސްޓޭޑިއަމް: މިޔުނިކް އޭލިއަންޒް އެރީނާ.
ކެޕެސިޓީ: 70،000
މެޗު ފަށާ ގަޑި: މިރޭ 12:00 (ރާއްޖެ ގަޑި)