English Edition
Dhivehi Edition

ޢަރަފާތް ދުވަހަކީ ބަރަކާތްތެރިވެގެންވާ މާތް ދުވަހެއްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެދުވަހަކީ ދުޢާ އިޖާބަކުރައްވާ ދުވަހެއްކަމަށާ، އެދުވަހަކީ އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަސްކަމަށް ޢިލްމުވެރިން ފާހަގަކުރައްވައެވެ.

އަދި އެއީ ނަރަކައިން މުއްތިކުރައްވައި ފާފަ ފުއްސެވުމުގެ ދުވަސްކަމަށާ، އެދުވަހުގެ ސަވާބާއި ދަރުމަ ހޯދުމަށް އަވަސްވެގަތުމަށްވެސް ޢިލްމުވެރިން އިރުޝާދުދެއްވައެވެ.

އެދުވަހުގެ މާތް ކަމަށްޓަކައި ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ އެދުވަސް ގަންދެއްވައި ހުވާކުރައްވާފައެވެ. އެހެނީ މަތިވެރިވެގެންވާ އެއްޗަކުން މެނުވީ މަތިވެރިވެގެންވާ އިލާހު ގައްދެއްވައި ހުވާ ވަޙީނުކުރައްވާނެތެވެ.

އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “وَشَاهِدٍ وَمَشْهُودٍ” (البروج: 3) މާނައީ: “އަދި ހެކި ދޭފަރާތާއި ހެކިދެވޭ ފަރާތް ގަންދެއްވަމެވެ.”

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. “اليوم الموعود : يوم القيامة، واليوم المشهود : يوم عرفة، والشاهد: يوم الجمعة..” (رواه الترمذي وحسنه الألباني) މާނައީ: ” اليوم الموعود އަކީ ޤިޔާމަތް ދުވަހެވެ. އަދި اليوم المشهود އަކީ ޢަރަފާތް ދުވަހެވެ. އަދި الشاهد އަކީ ހުކުރު ދުވަހެވެ.” اليوم المشهود ގެ މާނައަކީ ހެކިވެވިގެންވާ ދުވަހެވެ. ޢަރަފާތްދުވަހަށް މިނަން ދެވުނީ އެދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާ މަލާއިކަތުންނަށް އެކަލާނގެ އަޅުތަކުންނާމެދު ފަޚުރުވެވޮޑިގެން އެކަމަށް އެމަލާއިކަތުން ހެކިކުރައްވާ ދުވަހަށް ވާތީކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

ޢަރަފާތު ދުވަހުގެ ސަވާބާއި ދަރުމަ ލިބިގަތުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ އެންމެ މުހިންމު އެއްކަމަކީ އެދުވަހު ރޯދަހިފުމެވެ.

އެދުވަހުގެ ރޯދައަކީ ދެ އަހަރު ދުވަހުގެ ކައްފާރާއެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ޤަތާދާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ޢަރަފާތް ދުވަހުގެ ރޯދައާއި ބެހޭގޮތުން ސުވާލު ކުރުވުމުން، ޙަދީޘްކުރެއްވިއެވެ. “يكفر السنة الماضية والسنة القابلة” (رواه مسلم) މާނައީ: “ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކައްފާރާއެއްކަމުގައި އެރޯދަ ވެއެވެ.”

ޢަރަފާތް ދުވަހުގެ ރޯދަ ހިފުން ސުންނަތްވެގެންވަނީ ޙައްޖުވެރީން ނޫން މީހުންނަށެވެ. އެހެނީ މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހިވަސައްލަމް ކުރެއްވި ހަމައެކަނި ޙައްޖު ދަތުރުފުޅުގައި، ޢަރަފާތް ދުވަހު އެކަލޭގެފާނު ރޯދަހިއްޕަވާފައެއް ނުވެއެވެ.

އެހެންކަމުން ކުރިމަތީގައި އޮތް މިއަހަރުގެ ޢަރަފާތުދުވަހުގެ ދަރުމައާއި ސަވާބު ފުރިހަމަގޮތުގައި ލިބިގަންނަމާތޯއެވެ.