ޢަރަފާތް ދުވަހަކީ ކޮންމެ އަހަރަކުވެސް ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ. އެދުވަހަކީ ވަރަށް ގިނަ ހެޔޮކަން ޖަމާވެފައިވާ ދުވަހެކެވެ.
އެދުވަހުގެ މާތްކަމުގެ ތެރޭގައީ:
ހ- އެދުވަހަކީ ދީން ފުރިހަމަކުރެއްވި ދުވަހެވެ.
ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.
“ހަމަކަށަވަރުން ޔަހޫދީންގެ މީހަކު ޢުމަރުގެފާނަށް ދެންނެވިއެވެ. “އޭ މުއުމިނުންގެ އަމީރެވެ. ތިޔަބޭކަލުންގެ ފޮތުން (އެބަހީ: ޤުރުއާނުން) ކިޔަވައި އުޅޭ އާޔަތެއް ވެއެވެ. އެއާޔަތް ތިމަންމެން ޔަހޫދީންގެ މައްޗަށް ބާވައިލެއްވުނު ނަމަ، އެ އާޔަތް ބާވައިލެއްވުނު ދުވަހަކީ ޢީދުދުވަހެއްކަމުގައި އަހަރުމެން ހެދީމުއެވެ.”
އެކަލޭގެފާނު ވިދާޅުވިއެވެ. “އެއީ ކޮން އާޔަތެއް ހެއްޔެވެ؟”
އޭނާ ދެންނެވިއެވެ.
﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا﴾ (المائدة :3)
މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމުދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”
ދެން އެކަލޭގެފާނު ވިދާޅުވިއެވެ. “ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް އެއާޔަތް ބާވައިލެއްވުނު ތަނާއި، ދުވަސް ތިމަން ބޭކަލުންނަށް އެނގިވަޑައިގަންނަވައެވެ. އެއީ ހުކުރުދުވަހެއްގައި އެކަލޭގެފާނު ޢަރަފާތުބިމުގައި ހުންނަވަނިކޮށް ބާވައިލެއްވުނު އާޔަތެކެވެ.”
ށ- އެދުވަހުގައި ކުރާ ދުޢާއަކީ އެންމެ ހެޔޮ ދުޢާއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތްދުވަހު ކުރާ ދުޢާއެވެ.”
އެދުވަހަކީ އެންމެ ގިނަ މީހުން ނަރަކައިން މުއްތިކުރައްވާ ދުވަހެވެ. އަދި އެދުވަހުގައި ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނާ ކުއްތަންވެވޮޑިގަންނަވާނެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
“ޢަރަފާތް ދުވަހަކީ ﷲ ތަޢާލާގެ އަޅުތަކުންކުރެ އެންމެ ގިނަ މީސްތަކުން އެދުވަހެއްގައި ނަރައިން މުއްތި ކުރައްވާނެ ދުވަހެވެ. އަދި ހަމަކަށަވަރުން އެދުވަހުގައި އެއިލާހު ކުއްތަންވެވޮޑިގަންނަވާނެއެވެ. އަދި މަލާއިކަތުންގެ އަރިހުގައި ފަޚުރުވެރިވެވޮޑިގަންނަވާފައި ވަޙީކުރައްވާނެއެވެ. މިބައިމީހުން އެދެނީ ކޮންކަމެއް ހެއްޔެވެ؟”
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން، އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”
ޙައްޖުވެރިން ފިޔަވައި އެހެނިހެން މުސްލިމުން އެދުވަހުގައި ރޯދަ ހިފުމަކީ ސުންނަތެކެވެ.
މައުލޫމާތް: ދިސަލަފިއްޔާ