އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ދެ ގައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެން ދާނީ ދިވެހިރާއްޖެއަށް އަދި ދިވެހިންނަށް ހެވާއިލާބަ ލިބޭ ގޮތަށް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒުއާއެކު ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރު ވެސް ވިދާޅުވެފައިވާއިރު، މިއީ ދެގައުމުގެ ހީނަރުވެފައިވާ ގުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަމެއްގެ ގޮތުގައި ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދައުވަތަކަށެވެ.