English Edition
Dhivehi Edition
ގއ. ކަނޑުހުޅުދޫ - ފޮޓޯ: ޓޫ ތައުޒަންޑް އައިލްސް (ޢާއިޝަތު ނަޖް)

ފަރުތަކުން ގާހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެންގި އެންގުން އުވާލައިފިއެވެ.

އީޕީއޭ އިން ބުނީ ފަޅު ކޮނުމާއި ބިންހިންކުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން އަންގާފައިވަނީ، މިހާރު ހިނގަމުންދާ ގާ ހުދުވުމުގެ މައްސަލައާ ގުޅިގެން ފަރުގެ މާހައުލަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ ގޮތަށް މެދުކަނޑާލަން އަންގާފައިވާ އެންގުން މިއަދުގެ ނިޔަލަށް ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އެހެންނަމަވެސް ގާހުދުވުމުގެ މައްސަލަ އަދިވެސް ދެމިއޮތްކަން، ދަންނަންޖެހޭނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އީޕީއޭ އިން ވަނީ ބިންހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތަކުގައި، މި ވަގުތު މޫދާއި ފަރު ހިމެނޭ ސަރަހައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް އަންނަ އޯގަސްޓް މަހުގެ 31ގެ ފަހަށް ކުރިއަށްގެންދާ ގޮތަށް ހަމަޖައްސައިދިނުމަށްވެސް އެދިފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވީ ގާ ހުދުވުމުގެ މައްސަލަ ދިމާވާތީ މަޑުޖައްސާލި 200 މަޝްރޫއޫގެ މަސައްކަތް މިހާރު މަސައްކަތް ފަށާފައިވާކަމަށެވެ.