English Edition
Dhivehi Edition

ކިރަން ރާއޯ އާއި އާމިރު ޚާންގެ ފިލްމު ލާޕަތާ ލޭޑީސް މާޗް 1، 2024 ގައި ރިލީޒް ކުރިއިރު، މި ފިލްމު ނެޓްފްލިކްސް އިން ޕްރިމިއާ ކުރީ އޭޕްރީލް 26، 2024 ގައެވެ. މި ފިލްމަކީ ގިނަ ބައެއްގެ ތައުރީފާ ތަރުހީބު ލިބުނު ކާމިޔާބު ފިލްމެކެވެ. މި ފިލްމުގައި އަދަޔާ ހިލާފު މޮޅު އެކްޓެއް ދެއްކި އަދި ހަނދާނުން ފޮހެލަން އުދަގޫ ކެރެކްޓަރ ތަކުގެ ތެރޭގައި ނިތަންޝީ ގޯއެލް(ޕޫލް) އާއި ޗަޔާ ކަޑަމް(މަންޖޫ މައި) ހިމެނެއެވެ.

މި ފިލްމުގެ އެއް ލީޑު ތަރި ނިތަންޝީ ގޯއެލް މިހާރު ވަނީ އެ ރޯލު ލިބުމުގެ ތަޖުރިބާ އާއި ކަޑަމްއާ އެކު އޮތް ގުޅުން ހިއްސާކޮށްފައެވެ. އެ ގޮތުން އޭނާ ބުނީ އޭނާ ލާޕަތާ ލޭޑީސްގެ ކޯ ސްޓާ ޗަޔާ ކަޑަމް އާއި އެކު ރަނގަޅު ގުޅުމެއް އުފެއްދިފައިވާއިރު އޭނާއަށް މަންޖޫ މައި އޭ ކިޔާ ވާހަކަ އާއި އެމީހުންގެ މެދުގައި އަސްލު ދާދީ(މާމަ)-ބެޓީ(ދަރިފުޅު)ގެ ބޮންޑެއް އުފެދިފައިވާ ކަމަށެވެ.

މީގެ އިތުރުން ނިތަންޝީ ވަނީ މި ފިލްމުގައި އޭނާއަށް ހަގީގަތުގައިވެސް ރޮވުނު މަންޒަރެއް ދިޔަ ކަމަށް ބުނެފައެވެ. އޭނާ އިތުރަށް ކިޔައިދެމުން ބުނީ ފިލްމުގައި އެމީހުން ވަކިވެގެން ދިޔަ މަންޒަރު ޝޫޓްކުރަމުން ކުރަމުން ދިޔައިރު ދެ އެކްޓަރުންނަށް ވެސް ހަގީގަތުގައި ރޮވުނުކަމަށެވެ. ނިތަންޝީ ސިފަކުރި ގޮތުގައި އޭނާގެ ‘ކެރެކްޓަރު’ އެންމެ ފަހުން ސޫރަޖްމުޚީއަށް ފުރަން އުޅެނިކޮށް، އަދި އެދެމީހުން އެކަކު އަނެކަކާ އަލްވަދާއު ކިޔަން ފެށުމުން، އެވަގުތުގެ ޖަޒުބާތީ ބާރުގަދަކަމުން ގްލިސެރިން ބޭނުންކުރުން ކޮންމެހެން ނުޖެހުނު ކަމަށެވެ. އަދި އެ ވަކިވުމުގެ މަންޒަރުގައި ދެމީހުންނަށްވެސް ބައްދާލައިގެން ރޮވުނީ އެއްވެސް އިހްތިޔާރެއް ނެތިކަމަށް ނިތަންޝީ ވަނީ ބުނެފައެވެ.

އިތުރަށް ނިތަންޝީ ބުނީ އޭނާއަށް މި ފިލްމުން ފުރުސަތު ލބުނު ގޮތުގެ ވާހަކައަކީ އަސްލު މިއީ ވަރަށް މަޖާ ވާހަކައެއްކަމަށެވެ. ” އަހަރެން މެދުނުކެނޑި އޮޑިޝަން ހަދަމުން ދިޔައިރު، ދެން މި އެއް ސްކްރިޕްޓް އަހަރެންގެ ލޮލުގައި އަޅައިގަތީ. އެހެންކަމުން އަހަރެން އެއްރޭ ތައްޔާރުވެލީ އަދި ޖެހިގެން އައި ދުވަހު ހެނދުނު ސްކޫލުން ޗުއްޓީއެއް ނެގައިގެން އަހަރެން އެންމެ ފުރަތަމަ ކުރި ކަމަކީ އަހަރެންގެ ސެލްފް ޓެސްޓް އެމީހުންނަށް ފޮނުވާލީ. މެންދުރު ވަންދެން އަހަންނަށް މެސެޖެއް އައީ ކިރަން މެމް އަހަރެންގެ އޮޑިޝަނަށް ވަރަށް ލޯބިވާ ވާހަކަ އާއި އާމިރު ސަރ އަހަރެންނާ ބައްދަލުކޮށް މެންދުރުގެ ކެއުމަށް ބޭނުންވާ ވާހަކަ.” ނިތަންޝީ ބުންޏެވެ.

އިތުރަށް ބުނީ އެމީހުންގެ ކުރިމަތީގައި އޮޑިޝަން ދިނުމަށްފަހު ގެއަށް ދާން އުޅެނިކޮށް ފިލްމަށް ހޮވުނުކަން އަންގާ ފޯނެއް އައިސްފައިވާ ކަމަށެވެ. އަދި އެ ވަގުތަކީ ގަބޫލުކުރަން ދަތި އުފާވެރިކަމެއް އިހުސާސް ކުރެވުނުވަގުތެއްކަމަށާ އެއީ އެހާ ޖަޒުބާތީ ވަގުތެއް ކަމަށް ނިތަންޝީ ފާހަގަކުރިއެވެ.