English Edition
Dhivehi Edition
ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް ތެރެއިން ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިފުތިތާހުކޮށްދެއްވައިފިއެވެ.

މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައެވެ. މި ރަސްމިއްޔާތުގައި ރައޫސްގެ ދެކަނބަލުންގެ އަރިހުގައި ރައީސްގެ ނައިބުގެ ދެކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، ދައުލަތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ލޯގޯ އިފުތިތާހުކޮށްދެއްވާފައެވެ.

ދިވެހިރާއްޖެ ފެހިކުރުމަށާއި، ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި އަދި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ދިވެހިރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި 5 އަހަރު ތެރޭގައި، 5 މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ލޮނުޒިޔާރަތް ޕާކުގެ އެކި ސަރަހައްދު ތަކުގައި ގަސް އިންދާފައިވެއެވެ. މީގެ ތެރޭގައި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަހާއި، މޭވާ އަޅާ ގަހާއި، ހިޔާ ލިބޭ ގަހާއި، ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކިބާވަތުގެ ގަހުގެ އިތުރުން މާގަސް ހިމެނޭހެން 22 ބާވަތުގެ ގަސް އިންދާފައި ވެއެވެ. ސަރުކާރުގެ 5 އަހަރުގެ ތެރޭގައި 90 އަށް ވުރެ ގިނަ ވައްތަރުގެ ގަސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި އިންދިގެން ދާނެއެވެ. އަދި މިގޮތުން އިންދާ ގަސްތައް މޮނިޓަރކޮށް، އޭގެ ސިއްހަތު ބަލާ، ކާބަން ނަގާ މިންވަރު ވަޒަންކުރެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އިންދާފައިވާ ގަސްތަކަކީ، ކާބޮލި އަރޮޅި، ޗަމްޕާ ޕޫލު ގަސް، މެހެލި ގަސް، ތަނޑިރަތްމާ ގަސް، ކަހަރުވައް ގަސް، ކިޔަވާފިލާ ގަސް، މަރުގަސް، ޖަވާހިރުމާ ގަސް، ކާމިނީ ޕޫލު ގަސް، ދޮންބެއްޔާ ގަސް، ސަބުދެލި ގަސް، އަނޯނާ ގަސް، ހިތި ގަސް، މަދޮށި ގަސް، ސައްކެޔޮ ގަސް، އަނބުޅަ ގަސް، ކީރަންމާ ގަސް، ހަޒާރުމާ ގަސް، ބުރަފަތިމާ ގަސް އަދި 3 ވައްތަރެއްގެ ޗާންދަނީމާ ގަހެވެ.

1973 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ 5 ޖޫން އަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މަގުސަދަކީ ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާއި އެކަމުގެ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް އާންމުން ހޭލުންތެރިކުރުމެވެ. މި އަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވާ

ޝިޢާރަކީ:

  • “ހިކި ހަނަފަސްކަމުން އަރައިގަނެ ވިލުންވެރިވުމަށް ބިމުގެ އާރޯކަން އަލުން އިއާދަކުރުން.”

ސްލޯގަން އަކީ:

  • “އަޅުގަނޑުމެންގެ ބިން، އަޅުގަނޑުމެންގެ ކުރިމަގު: މިއީ އިޔާދަކުރުވަނިވި ޖީލު”