English Edition
Dhivehi Edition
ޕޮލެންޑް ގައުމީފުޓްބޯޅަ ޓީމް/ ފޮޓޯ: ކަލްޗަރއެލްޕީއެލް

ދުނިޔޭގެ ރޭންކިންގެ 28 ވަނާގައި މިވަގުތު އޮތް ޕޮލެންޑް އަކީ ވެސް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މާ ކާމިޔާބު ގައުމެއް ނޫނެވެ. މިހާތަނަށް ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގެ ތަށި ހޯދިފައިނުވާ ޕޮލެންޑް އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކޮށްފައިވަނީ 2008 ވަނަ އަހަރު ބޭއްވުނު މުބާރާތުގައެވެ. އޮސްޓްރިއާ އަދި ސްވިޒަލެންޑްގައި އެ އަހަރު އޮތް މުބާރާތުގެ ފުރަަތަމަ ބުރުން ޕޯލެންޑް ކެޓި އެވެ. އެއަށް ފަހު ޔޫރޯ މުބާރާތަކަށް އެ ގައުމު ކޮލިފައިވީ 2012 ވަނަ އަހަރުގަވެ.

އެ އަހަރުގެ މުބާރާތުން ވެސް އެގައުމު ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. ނަމަވެސް އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގައި އެ ގައުމުން ރަނގަޅު ނަތީޖާތަކެއް ނެރެ، ކުއާޓާ އިން ޖާގަ ހޯދިއެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ޕޮލެންޑް ދަތުރުކުރި އިރު، އެގައުމު ކުއާޓާއިން ކެޓީ ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ ޕެނަލްޓީގައި ބަލިވެގެންނެވެ.

ޕޮލެންޑަށް މިހާތަނަށް ޔޫރޯ މުބާރާތުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރުމެވެ. އެންމެ ފަހުން 2020 ވަނަ އަހަރުގެ މުބާރާތްވެސް އެޓީމުން ނިންމާލީ ގުރޫޕް ސްޓޭޖުންނެވެ.

ކޮލިފައިވި ގޮތް

ކޮލިފައިންގައި އަލްބޭނިއާ އަދި ޗެކް ރިޕަބްލިކްގެ ފަހަތުން ތިންވަނަ ލިބި ޕޮލެންޑް ޖެހުނީ ޕްލޭއޮފްގައި ވާދަކުރާށެވެ. އެ ގްރޫޕުގައި ކުޅުނު 8 މެޗުގެ ތެރެއިން ޕޮލެންޑް ބަލިވީ ތިން މެޗުންނެވެ. ދެ މެޗު އެއްވަރުކުރި އިރު ތިން މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. ކޮލިފައިންގައި ޕޮލެންޑުން 10 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ 10 ގޯލެވެ.

ޕްލޭއޮފް ސެމީ ފައިނަލް މެޗުން ޕޮލެންޑް މޮޅުވީ އެސްޓޯނިއާއާއި ވާދަކޮށް 0-5 އިންނެވެ. ޕްލޭއޮފް ފައިނަލުގައި ޕޮލެންޑް ކުޅެން ޖެހުނީ ވޭލްސްއާއި ދެކޮޅަށެވެ. މިފަހަރުގެ ޔޫރޯއަށް ޕޮލެންޑް ކޮލިފައިވީ ޕްލޭއޮފް ފައިނަލް މެޗު އެއްވަރުވެ ޕެނަލްޓީގައި 4-5 އިން ވޭލްސް ބަލިކޮށްގެންނެވެ.

މުހިންމު ކުޅުންތެރިން

ޕޮލެންޑް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އިތުބާރު ފޯވަޑް ރޮބަޓް ލެވެންޑޯސްކީއެވެ. ޝައްކެއްވެސް ނެތް ގޮތުގައި ލެވެންޑޯސްކީއަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ މޮޅު އެއް ފޯވާޑެވެ. ގޯލާއި ރައްޓެހި އިދިކޮޅު ޓީމުތަކުގެ ޑިފެންޑަރުން ޖެހިލުންވާ އިތުބާރު ފޯވާޑް ލެވެންޑޯސްކީ އަކީ މިފަހަރު ޔޫރޯގައި ވާދަކުރާ ޕޮލެންޑްގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ކުލަބު ފުޓްބޯޅައިގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ލެވެންޑޯސްކީ އެންމެ ފަހުން ނިމިގެން ދިޔަ ސީޒަނުގައި ބާސާއަށް ކުޅެދިން 49 މެޗުގައި 26 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތާއި އޭނާ ކުރިމަތިލަނީ ރަނގަޅު ފޯމެއްގައި ހުރެގެންނެވެ.

2008 ވަނަ އަހަރު ޕޮލެންޑްގެ ގައުމީޓީމަށް ކުޅެން ފެށި ލެވެންޑޯސްކީ ވަނީ މިހާތަނަށް ޕޮލެންޑްގެ ގައުމީޓީމަށް 148 މެޗު ކުޅެދީ 82 ގޯލް ޖަހާފައެވެ. މިފަހަރުގެ ޔޫރޯ މުބާރާތައް ޕޮލެންޑް ކޮލިފައި ކޮށްދިނުމުގައިވެސް އޭނާގެ ދައުރު ބޮޑެވެ.

ފޯވަޑް އަރްކަޑުއިޒް މިލިޗް އަކީވެސް ޕޮލެންޑް ޓީމުން ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ފޯވާޑް އަރްކަޑުއިޒް މިލިޗް އަކީ ޕޯލެންޑްގެ ފޯވަޑް ލައިންގައި ލެވަންޑޯސްކީއާ އެކު އެންމެ މުހިންމު ރޯލު އަދާކުރާ ކުޅުންތެރިޔާ އެވެ. ފްރާންސްގެ މާސޭއިން ލޯނެއްގެ ދަށުން މިދިޔައަހަރު ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރިން، މިލިޗް ވަނީ ނެދަލޭންޑްސްގެ އަޔަކްސް އާއި ޖަރުމަންގެ އޮގްސްބާގް އަދި ބަޔާ ލޭވަކޫސަން އަށް ކުޅެފަ އެވެ.

ޕޮލެންޑްގެ ޖޫނިއާ ޓީމުތަކަށް ކުޅުމަށް ފަހު، ޕޯލެންޑްގެ ގައުމީ ޓީމަށް މިލިޗް ކުޅެން ފެށީ 2012 ވަނަ އަހަރެވެ. އޭގެފަހުން ޕޮލެންޑްގެ ގައުމީޓީމުގައި ހިމެނިގެން މިލިޗް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައެވެ. ޕޯލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް 72 އަށް ވުރެ ގިނަ މެޗު ކުޅެ، މިލިޗް ވަނީ 17 ލަނޑު ޖަހައިފަ އެވެ.

ކޯޗު

ޕޮލެންޑަށް އުފަން، އުމުރުން 51 އަހަރުގެ މިކަލް ޕްރޮބިއަޒް އަކީ ޕޮލެންޑްގައި މަޝްހޫރުކަން ހޯދާފައިވާ ކޯޗެކެވެ. އޭނާ ގިނައިން ކޯޗުކަން ކޮށްދީފައިވަނީ ވެސް ޕޮލެންޑް ކުލަބުތަކަށެވެ. އެގޮތުން ޕޮލެންޑްގެ މަޝްޙޫރު ކުލަބުތައް ކަމުގައިވާ ޖަގިއެލޯނިއާ ބިއަލިސްޓޮކް އާއި ކްރެކޮވިއާގެ އިތުރުން ވިސްލާ ކްރޮކޯފް ފަދަ ކުލަބުތަކަށް އޭނާ ވަނީ ކޯޗުކަން ކޮށްދީފައެވެ. ޕޮލެންޑްގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޯދާފައިވާ ޕްރޮބިއަޒް ވަނީ ޕޮލެންޑްގެ 21 އަަހަރުން ދަށުގެ ޔޫތް ޓީމަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ޕޮލެންޑް ޓީމުގެ ކޯޗުކަމާ ޕްރޮބިއަޒް ހަވާލުވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭގައެވެ. ޕްރޮބިއަޒްގެ އިރުޝާދުގެ ދަށުން ޕޯލެންޑް މިހާތަނަށް މާގިނަ މެޗުތަކެއް ކުޅެފައެއް ނުވެއެވެ. ޕްރޮބިއަޒްގެ ކޯޗުކަމުގެ ދަށުން ޕޮލެންޑް މިހާތަނަށް ހަ މެޗެއް ކުޅެފައިވާއިރު، އޭގެ ތެރެއިން ތިން މެޗުން މޮޅުވިއިރު، އަނެއް ތިން މެޗުން ވީ އެއްވަރެވެ. މެޗަކުން ބަލިވެފައެއް ނުވެއެވެ. މިފަހަރުގެ ޔޫރޯ މުބާރާތަކީ ގައުމީ ފެންވަރުގައި ޕްރޮބިއަޒް ތަޖުރިބާކުރާ ފުރަތަމަ ބޮޑު މުބާރާތެވެ.

ގުރޫޕްގައި އޮތް ފުރުސަތު

ޕޮލެންޑް ހިމެނޭ ގުރޫޕްގައި ދެން އޮތީ ފްރާންސް އާއި ނެދަލެންޑްސް އަދި އޮސްޓްރިއާއެވެ. ކޮލިފައިންގެ ނަތީޖާތަކަށް ބަލާއިރު، ޕޯލެންޑް އަކީ މި ގުރޫޕްގެ އެއް ފޭވަރިޓެވެ. އެކަމަކު ދެން އޮތް ތިން ޓީމަކީ ވެސް ރަނގަޅު ފެންވަރުގެ ތިން ޓީމެވެ. އެހެންކަމުން މި ގުރޫޕުން ދެވަނަ ބުރަށް ކޮލިފައިވުމަކީ ޕޯލެންޑަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. މި ގުރޫޕް ބެލެވެނީ މި ފަހަރުގެ ޔޫރޯގައި އެންމެ ވާދަވެރި އެއް ގުރޫޕްގެ ގޮތުގަ އެވެ.