އައްޑޫ މީދުގައި ޒުވާނުންނަށް އަމާޒުކޮށްގެން “ކައިޝާ ފެޑޫ” ގެ ނަމުގައި ސްޓްރީޓް ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ.
މީދޫ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މި މުބާރާތް ރޭ ފެށިފައިވާ އިރު، މި މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ، އެފްސީ ގްރިޑް އަޔަންސް، އެފްސީ ގްރީން، އެފްސީ ޔުނައިޓް، އޮބިނިއޯއި، ހަސްޓާ ލަވިސްޓާ، ހަލަބޮލި އަދި ތޫފާންއެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ގުރޫޕް ސްޓޭޖްގެ މެޗުތަކަށް ފަހު ދެން ކުޅޭނީ ސެމީ ފައިނަލުގެ މެޗުތަކެވެ. ގުރޫޕް މެޗުތައް ނިމޭއިރު، އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަކަށް ސެމީ ފައިނަލުން ޖާގަލިބޭނެއެވެ.
މުބާރާތުގެ ކުޅުން ރޭ ފެށިގައިވާއިރު، ތިން މެޗެއް ރޭގައި ވަނީ ކުޅެފައެވެ. ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރިޑް އަޔަނަސް އާއި އެފްސީ ގްރީން އެވެ. މި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކުރީ އެފްސީ ގްރީންއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ގްރީންގެ ޖާޒީ ނަމްބަރު 11 ޝައުންއެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ޔުނައިޓް އަދި އޮބިނިއޯއި އެވެ. މި މެޗު 1-1 ގެ ނަތީޖާއިން ވީ އެއްވަރެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޮބިނިއޯއި ގެ މުފްލިހް އެވެ.
ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ހަލަބޮލި އަދި ތޫފާންއެވެ. މިމ މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ހަލަބޮލި ޓީމުންނެވެ.
މިރޭވެސް މި މުބާރާތުގެ ފޯރިގަދަ ތިން މެޗު ކުޅޭނެއެވެ. މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، މިރޭގެ 8:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހަސްޓާ ލަވިސްޓާ އަދި އޮބިނިއޯއި އެވެ. މިރޭ 9:00 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ގްރިޑް އަޔަނަސް އާއި ހަލަބޮލިއެވެ. މިރޭގެ ފަހު މެޗު 9:30 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗުގައި ބައްދަލުކުރާނީ އެފްސީ ގްރީން އަދި ތޫފާންއެވެ.