ރައްޔިންގެ އިތުބާރު ހޯދުމަށްޓަކައި ފުލުހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވުމަށް އުނގެނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ
ލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ކިޔަވައިގެން މެނުވީ ފުލުހުންގެ ޚިދުމަތް ކުރިއަށް ނުދާނެކަމަށާއި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ނުދާނެކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ފުލުހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވުމަށް އުނގެނުކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އިތުރަށް ވިދާޅުވީ، ފުލުހުންގެ އަސާސީ ތަމްރީނު ނިންމުމަށްފަހު ފުލުހުންގެ ފަހުރުވެރި ޔުނީފޯމުގައި ގައުމީ ޚިދުމަތަށް ނުކުންނައިރު ކޮންމެ އޮފިސަރެއްގެ ފަރާތުން ފެންނަން އެދޭ ކަންތައްތަކެއް އެބަހުރިކަމަށެވެ.
އަދި ގައުމުދެކެ ލޯބިވާކަމާއި ގައުމީ ލޭ ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަންޖެހޭ ކަމަށާއި އޮފިސަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރާގޮތުން އެ ސިފަތައް ހުރިކަން ދެނެގަންނަން އުނދަގޫ ނުވާނެކަމަށް ވިދާޅުވިއެވެ.
އަދި ރައްޔިތުން ކަންބޮޑުވާ ކޮންމެކަމަކީ ފުލުހުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭކަމަށާއި ހަވާލުކުރެވޭ ޑިއުޓީ އަދާކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުުރުން، ކޮންމެ ރަށެއްގެ ބަނދަރު ސަރަހައްދުގައި އަބަދުވެސް ފުލުހަކު ހުރުމަށް ރައްޔިތުން އެދޭ ކަމާއި ސަބަބަކީ ޔުނީފޯމު އެޅި ފުލުހަކު ފެންނަން ހުރުމަކީ އޭގެ ޒާތުގައި ވަރަށް ގިނަ ކަންކަން ހައްލުވާ ކަމެއްކަމަށް ވިދާޅުވިއެވެ.
އަދި އޭގެ ނަތީޖާއަކަށްވާނީ މަސްތުވާތަކެތި ފާޅުގައި އެތެރެކުރުމަށް މީހުން ޖެހިލުންވުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޝައްކުކުރެވޭ މީހުން، އޮންނަ އުސޫލުގެ ތެރެއިން ބަލައިފާސްކުރާ ހިސާބުން އެ ރަށަކަށް މަސްތުވާތަކެތި އެތެރެކުރުން ވަރަށްބޮޑަށް ހުއްޓިގެންދާނެ ކަމަށާއި މަސްތުވާތަކެތި ހުއްޓުވުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަންޖެހޭ ހިސާބަށް މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާކަން ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ ރާއްޖޭގެ މަގުތަކުގައި އަމާންކަން ގާއިމުކުރެވޭނީ ވެސް މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެން ކަމާއި މަގުތައް ބިޒީވާ ގަޑިތަކުގައި އަމިއްލައަށް އިސްނަގައިގެން މަގުމައްޗަށް ނުކުމެ ހަމަހަމަކަމާއެކު ގާނޫނުތައް ތަންފީޒުކުރާތަން ފެންނަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި އަބަދުވެސް ކަންކަން ހައްލުކުރުމުގައި ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކުރުމަކީ އެންމެ ފަހުން ކުރާކަމެއްގެ ގޮތުގައި ހަދަންޖެހޭ ކަަމަށް ވެސް ވިދާޅުވިއެވެ.