English Edition
Dhivehi Edition

އަންނަ ހުކުރު ދުވަހުގެ ރޭ ވާދަވެރި އަލް ހިލާލްއާއި ދެކޮޅަށް އަލް ނަޞްރު ކުޅޭ ސައުދީ ކިންގްސް ކަޕް ފައިނަލް މެޗަކީ އިންސާފުުވެރިކަމާއި އެކު ކުޅެވޭ މެޗަކަށް ވާން ޖެހޭނޭކަމަށް އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއޯނޯ ރޮނާލްޑޯ ބުނެފިއެވެ.

ސައުދީގެ ނޫހަކަށް ދިން ބަސްދީގަތުމެއްގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ ހިލާލް އާއި އެކު އަލް ނަޞްރުން ކުޅޭ ކިންގްސް ކަޕް ގައިނަލް މެޗަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި އިންސާފުވެރިކަމާއި އެކު ކުޅެވޭ މެޗަކަށް ވާން ޖެހޭނެކަމަށެވެ.

އަދި މީގެ ކުރިން ހިލާލް އާއި ދެކޮޅަށް ނަޞްރުން ކުޅުނު މެޗުތަކުގައި ފާހަގަވެފައި ހުރީ މެޗުގެ ރެފްރީންގެ ފަރާތުން ފެނުނު ނާއިންސާފު ނިންމުންތައް ކަމަށާއި އެކަމުގެ ސަބަބުން ހިލާލް އާއި ދެކޮޅަށް ނަޞްރުން ކުޅޭ އެއްވެސް މެޗެއް ކަމިޔާބު ވެފައި ނުވާކަމަށެވެ.

ރެފްރީންނަށް އިޝާރާތްކޮށް ރޮނާލްޑޯ ބުނީ މެޗުތެރޭގައި ހިނގާ ކަންކަން ރަނގަޅަށް ބެލުމަށް ފަހުގައި އިންސާފުވެރިކަމާއި އެކު ނިންމުންތައް ނިންމަން ޖެހޭނެކަމަށެވެ. ނަމަވެސް ގިނަ މެޗުތަކުގައި ރެފްރީން ބަލަން ޖެހޭވަރަށް ނުބަލާ ކަންކަން ނިންމުމުގެ ނަތީޖާ ވަރަށް ގޯސްވެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ރޮނާލްޑޯ ބުނީ އަލް ނަޞްރުން ލީގު ނިންމާލީ ވަރަށް ފުރިހަމައަށް ކަމަށާއި އަމާޒަކީ އެ ޖޯސުގައި ކިންގްސް ކަޕް ތަށި ވެސް ހޯދުން ކަމަށެވެ.

އަދި ކިންގްސް ކަޕް ޗެމްޕިއަންކަން ހޯދުމަށް ޓީމުގެ ފަރާތުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އިންތިޒާރު ކުރަމުން މިދަނީ އެ ދުވަހަށް ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯ އިތުރަށް ބުނީ، ސައުދީ ލީގުގައި ރެކޯޑްތަކެއްވެސް ހެދިއްޖެ ކަމަށާއި ތައްޓަކާއި އެކު ސީޒަން ނިންމާލެވުމަކީ ވަކިން ބޮޑު އުފަލަކަށް ވާނޭކަމަށެވެ.

ސައުދީ ލީގުގެ އެންމެ ފަހު މެޗުގައި އަލް އިއްތިހާދު އަތުން އަލް ނަސްރު މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ ދެ ކަނޑު ޖަހައިފަ އެވެ. އަދި ރޭގެ ޖެހި ލަނޑުތަކާއި އެކު އޭނާ ވެފައި ވަނީ ސައުދީ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.

މިރެކޯޑް ކުރިން އޮތީ އަލް އިއްތިހާދުގެ މޮރޮކޯ ފޯވަޑް އަބްދުލް ރައްޒާގު ހަމްދުالله އަތުގައެވެ. އެއީ 34 ލަނޑާއި އެކުގައެވެ. މި ރެކޯޑް ރޮނާލްޑޯ މުގުރާލީ 35 ލަނޑު ޖަހައިގެންނެވެ.