English Edition
Dhivehi Edition
އަލްބޭނިއާ ގައުމީ ފުޓްބޯޅަ ޓީމް/ ފޮޓޯ: އެފްއެސްއެޗްއެފް

2 މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އިރުދެކުނު ޔޫރަޕަށް ނިސްބަތްވާ އަލްބޭނިއާ އަކީ ފުޓްބޯޅައިގައި މާ ކާމިޔާބު ތާރީޚެއް އޮތް ގައުމެއް ނޫނެވެ. މިހާތަނަށް އައިއިރު، އެގައުމު ވޯލްޑް ކަޕް މުބާރާތަށް ކޮލިފައި ވެފައެއް ނުވެއެވެ.

މިވަގުތު ދުނިޔޭގެ ރޭންކިންގެ 66 ވަނަގައި އޮތް އަލްބޭނިއާގެ ބައިނަލްއަގުވާމީ ފުރަތަމަ ބޮޑު މުބާރާތަކީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. ދައް ނަތީޖާތަކެއް ނެރުނު ނަމަވެސް ނަސީބު ރަނގަޅުކަމުން އެ ފަހަރުގެ ޔޫރޯ މުބާރާތަށް އަލްބޭނިއާ ކޮލިފައިވި ނަމަވެސް މުބާރާތުން ވަކިވެގެން ދާންޖެހުނީ ގުރޫޕް މަރުހަލާގައި ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުހޯދިއެވެ.

އަލްބޭނިއާ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ގައުމަކަށް ނުވިނަމަވެސް މިފަހަރުގެ ޔޫރޯއަށް އެޓީމު ކޮލިފައިވީ ގިނަ ބައަކު ހައިރާންކޮޅުމަށް ފަހުގައިއެވެ. ވަރުގަދަ ޗެކް ރިޕަބްލިކް އަދި ޕޮލަންޑް ފަދަ ފުޓްބޯޅައިގެ ބާރުތައް ފަހަތައްޖައްސާލުމަށް ފަހު މިފަހަރުގެ މުބާރާތަށް އަލްބޭނިއާ ކޮލިފައިވީ އެޓީމު ހިމެނުނު ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރެ އަލްބޭނިއާއިން މިފަހަރުގެ ޔޫރޯ މުބާރާތަށް ކޮލިފައިވުން ވެގެން ދިޔައީ އެ ގައުމުގެ ތާރީޚުގައި ފުޓްބޯޅައިން ލިބުނު ބޮޑު ކުރިއެރުމަކަށެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިފަހަރުގެ ޔޫރޯގައި އަލްބޭނިއާ ބޮޑު ކާމިޔާބެއް ހޯދުން ގާތެވެ.

ކޮލިފައިވީ ގޮތް

ޔޫރަޕް ކޮލިފައިން ބުރުގައި އަލްބޭނިއާ ހިމެނުނީ ޕޮލަންޑް، ޗެކް ރިޕަބްލިކް، މޮލްޑޯވާ އަދި ފެރޯ އައިލެންޑާއި އެކު ގުރޫޕް އީގައެވެ. ކޮލިފައިންގައި އަށް މެޗު ކުޅުނު އިރު، އަލްބޭނިއާ ބަލިވީ އެންމެ މެޗަކުންނެވެ. އެއީ އަވޭގައި ޗެކް ރިޕަބްލިކް އާއި ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ހަތަރު މެޗުން މޮޅުވިއެވެ. ތިން މެޗުން ވީ އެއްވަރެވެ. އަލްބޭނިއާ ޔޫރޯއަށް ކޮލިފައިވީ 15 ޕޮއިންޓާއި އެކު ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ދެވަނައަށް ދިއަ ޗެކް ރިޕަބްލިކް އަށްވެސް 15 ޕޮއިންޓް ލިބުނު އިރު ގޯލުގެ ތަފާތުން އެޓީމަށް ލިބުނީ ގުރޫޕްގެ ދެވަނައެވެ.

މުހިންމު ކުޅުންތެރިން

އަލްބޭނިއާ އަކީ ނިސްބަތުން މޮޅެތި ކުޅުންތެރިން އުފެދޭ ގައުމަކަށް ނުވުމުން އެ ގައުމުގައި މާ މަޝްޙޫރު ކުޅުންތެރިންތަކެއްވެސް ނުތިބެއެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ކުޅުންތެރިން ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އިޓަލީ، ސްޕެއިން، ފްރާންސް އަދި އިނގިރޭސި ލީގުތަކަށް ކުޅޭ ގިނަ ކުޅުންތެރިން އަލްބޭނިއާ ޓީމުގައި މިވަގުތު އެބަތިއްބެވެ.

އޭތެރޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ މިޑްފީލްޑަރ ކްރިސްޓްޖަން އަސްލާނީ އެވެ. އިންޓަ މިލާނުގައިވެސް މޮޅު ކުޅުމެއްދައްކާ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުން އަންނަ އަސްލާނީ އަކީ މިފަހަރުގެ މުބާރާތުގައި އަލްބޭނިއާ ލީޑުކުރާނެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ވާނެއެވެ. މީގެ އިތުރުން ފުލަމްގެ ފޯވަޑް އާމަންޑޯ ބްރޯޖާ އާއި އިޓަލީގެ އެޓަލާންޓާގެ ކެޕްޓަން ތަޖުރިބާކާރު ޑިފެންޑަރ ބެރަޓް ޖިމްސިޓީ އަކީ އަލްބޭނިއާގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންނެވެ.

ކޯޗު

އަލްބޭނިއާގެ މިހާރުގެ ކޯޗަކީ އިތުރު ތަޢާރަފަކަށް ބޭނުން ނުވާނޭ ސިލްވިނިއޯ އެވެ. ސިލްވިނިއޯ އަކީ މީގެ ކުރިން ޔޫރަޕްގެ ނަން މަޝްޙޫރު ބޮޑެތި ކުލަބުތައް ކަމަށްވާ އާސެނަލް، މެންޗެސްޓަރ ސިޓީގެ އިތުރުން ބާސެލޯނާ ފަދަ ކުލަބުތަކަށް ކުޅެ ބޮޑެތި ގިނަ ކާމިޔާބީތައް ހޯދައިފައިވާ ފަރާތެކެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ސިލްވިނިއޯ ކޯޗިންކެރިއަރު ފެށީ 2019 ވަނަ އަހަރު ފްރާންސްގެ ލިޔޯންއިންނެވެ. އޭގެ ފަހުން އޭނާގެ ކުރީގެ ކުލަބް ބްރެޒިލްގެ ކޮރިންތިއަންސްގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ.

ސިލްވިނިއޯ އަލްބޭނިއާގެ ކޯޗުކަމާއި ހަވާލުވީ 2023 ވަނަ އަހަރުގައެވެ. އަލްބޭނިއާގެ ކޯޗުކަމުގައި މި ވީ މަދު ދުވަސްކޮޅުގެ ތެރޭގައި ސިލްވިނިއޯ ވަނީ ތަފާތުދައްކައިދީފައެވެ. އެގޮތުން އަލްބޭނިއާ ޔޫރޯ ކޮލިފައިން ބުރުގެ ގިނަ މެޗުތައް ކުޅެފައިވަނީ އޭނާގެ ކޯޗުކަމުގައެވެ. ކުޅުނު 11 މެޗުގެ ތެރެއިން ފަސްމެޗު ކާމިޔާބުކުރިއެވެ. ތިން މެޗުން އެއްވަރުވިއިރު، ތިން މެޗުން ވަނީ ބަލިވެފައެވެ. އަލްބޭނިއާ މިފަހަރުގެ ޔޫރޯ އަށް ކޮލިފައިކޮށް ދިނުމަކީ ސިލްވިނިއޯގެ އެންމެ ބޮޑު އުންމީދަށް ވީއިރު އެކަން އޭނާ ހާސިލްކުރީ ވަރަށް ފުރިހަމައަށެވެ. ސިލްވިނިއޯ އާއި އެކު ޔޫރޯގައި އަލްބޭނިއާ ރަނގަޅު ކާމިޔާބީއެއް ހޯދާނެކަމަށް ބެލެވެއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

އަލްބޭނިއާ ހިމެނިފައިވަނީ މިފަހަރުގެ ޔޫރޯ މުބާރާތުގައި އެންމެ ވަރުގަދަ ގުރޫޕްކަމަށް ވާ ގުރޫޕް ބީގައެވެ. މި ގުރޫޕަކީ މަރުގެ ގުރޫޕުކަމަށް ނަން ދެވިފައިވާ ގުރޫޕެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ނަން މަޝްހޫރު އިޓަލީ އާއި ސްޕެއިން އަދި ކްރޮއޭޝިއާ ވެސް ހިމެނެނީ މި ގުރޫޕްގައެވެ. އެހެން ނަމަވެސް އަލްބޭނިއާ ކޮލިފައިންގައި ދެއްކި ކުޅުމަށް ބަލާއިރު، މި ޓީމުތަކާއި ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެފާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.