ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް އަވަހާރަވުމާ ގުޅިގެން ފަރަންސޭސިވިލާގެ ރައީސް އެމަނުއެލް މެކްރޮންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސަފީރު ޕެކްޓޭއަކީ ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ޢިއްޒަތްތެރި ޑިޕްލޮމެޓެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި އެމްބެސެޑަރ ޕެކްޓޭގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ސަފީރު ޖޯން-ފްރަންސުއާގެ ޢާއިލާއާ އެޤައުމުގެ ރައްޔިތުންނަށް ދިވެހިސަރުކާރާ ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވަމުންނެވެ.

ސަފީރު އަވަހާރަވެފައި ވަނީ އޭނާ ދިރިއުޅުއްވާ ގެކޮޅުގަ އެވެ. ގެކޮޅުން ނިކުމެވަޑައިނުގަންނަވާތީ ބެއްލެވިއިރު އަވަހާރަވެފައިވާ ކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ އެ ގައުމުގެ ފުލުހުން ބުންޏެވެ. ލަންކާ ސަރުކާރުން މިހާރު ވަނީ އެކަމުގެ ތަހުގީގެއް ވެސް ފައްޓަވާފަ އެވެ.

ސަފީރު އަވަހާރަވުމާ ގުޅިގެން، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ސަފީރުގެ ޢާއިލާއާއި އެޤައުމުގެ ޚާރިޖިއްޔާއަށް ތަޢުޒިޔާ ފޮނުއްވާ، އެ ޚަބަރު އެއްސެވީ ކުއްލި ސިހުމާ ހިތާމައާއެކުގައިކަމަށް ވިދާޅުވެފައެވެ.

ފްރާންސުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް ޖީން ފްރެންކޯޒް ޕެކްޓެޓް އައްޔަންކުރައްވާފައިވަނީ 19 ފެބުރުއަރީ 2023ގައެވެ.