English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަ 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކުރުމަށް ނިންމައިފިކަމަށާއި، މި ލޯނު ފެސިލިޓީގެ 25 އިންސައްތަ ކަނޑައަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މި ވާހަކަފުޅު ދެއްކެވީ އެންޓީގާ އެންޑް ބާބިއުޑާގައި ބޭއްވި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024ގެ ނިންމުން ރަސްމިއްޔާތުގަ އެވެ.

އަންހެނުންގެ ވިޔަފާރިތަކަށް ސަރުކާރުން ޚާއްސަ އިސްކަމެއްދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް އިތުރު ސަމާލުކަމެއް ދިނުމުގެ ގޮތުން މި ފުރުސަތު ހުޅުވާލުމަށް ނިންމި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

“ސަރުކާރުގެ އަމާޒަކީ އިޖުތިމާޢީ ހަމަޖެހުމާއި ހަމަހަމަކަން ގާއިމުކުރުން. އެހެންކަމުން، ކުރިއަރާ ތަރައްގީވަމުންދާ ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާކުރުމުގައި އަންހެނުންގެ ބައިވެރިވުމަށް ހުރަސްތައް ނައްތާލައި، ފުރުސަތުތައް ފުޅާކުރުމަށް އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރަން. ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ވިޔަފާރީގެ މަގު ފަހިކޮށްދިނުމުގައި ވެސް އިސްކަންދޭން ޖެހޭ،” ރައީސް މުއިއްޒު ވިދާޅުވިއެވެ.

6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީގެ 25 އިންސައްތަ، އެބަހީ 1.625 މިލިއަން ޑޮލަރު ޚާއްސަކުރެވިފައިވާނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށެވެ. މި ފުރުސަތުގެ ބޭނުންހިފައިގެން ވިޔަފާރީގެ މައިދާނަށް ނުކުމެ، އިޤްތިސާދީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ރައީސް ގޮވާލެއްވިއެވެ.

ވިޔަފާރިކުރުމަށް ބޭނުންވާ ހުނަރާއި، އިރުޝާދާއި، ފައިސާ ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން ގިނަ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެވޭ މިންވަރު މަދުކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން، މި ޚާއްސަ ލޯނު ފެސިލިޓީ އަކީ އެފަދަ ގޮންޖެހުންތައް ޙައްލުކުރުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިފަދަ ފުރުސަތުތައް އިތުރަށް ފުޅާކޮށް، އަންހެނުންގެ އިޤްތިސާދީ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ.