English Edition
Dhivehi Edition
ފޮޓޯ: ޓޯޓަލް ކްރޮއޭޝިއާ ނިއުސް

މިވަގުތު ދުނިޔޭގެ 10 ވަނަގައި އޮތް ކްރޮއޭޝިއާ އަކީ ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ގައުމެކެވެ. ކްރޮއޭޝިއާ އެންމެ ފުރަތަމަ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) މުބާރާތެއްގައި ވާދަކުރީ 1996 ވަނަ އަހަރު އެވެ. ފުރަތަމަ ފެނިލުން ވެސް ވެގެންދިޔައީ ކްރޮއޭޝިއާ އަށް ތަރީޚީ މުބާރާތަކަށެވެ. ހައިރާންކުރުވަނިވި ނަތީޖާތަކަށް ފަހު، ކްރޮއޭޝިއާ ވަނީ އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކޮށްފަ އެވެ. ކްރޮއޭޝިއާގެ “ރަން ޖީލުގެ” ގޮތުގައި ސިފަކުރެވުނު ކުޅުންތެރިންތަކަކާ އެކު، އެ އަހަރު ހޯދީ ކްރޮއޭޝިއާގެ ފުޓްބޯޅައިގެ ތާރީޚުގައި ބޮޑު ކާމިޔާބެކެވެ. އޭގެ ފަހުން ޖެހިގެން އައި 2000 ވަނަ އަހަރުގެ ޔޫރޯ މުބާރާތަށް ކްރޮއޭޝިއާ ކޮލިފައި ނުވިނަމަވެސް 2004 ވަނަ އަހަރުގެ މުބާރާތުން ފެށިގެން މިހާތަނަށް ކުޅުނު ފަސް ޔޫރޯގައިވެސް އެޓީމުން ވަނީ ކުޅެފައެވެ. ނަމަވެސް އެންމެ ދުރަށް ވެސް ދެވިފައިވަނީ މުބާރާތުގެ ކުއާޓާ ފައިނަލާއި ހަމައަށެވެ. އެއީ ޔޫރޯ މުބާރާތުގައި ކްރޮއޭޝިއާއަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީވެސް މެއެވެ.

އެހެން ނަމަވެސް ދުނިޔޭގެ ފެންވަރުގައި ކްރޮއޭޝިއާއިން އެއަށްވުރެ ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދާފައިއެވެ. އެއީ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުންނެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ވަނީ ރަނަރަޕްގެ މަގާމު ހޯދައިފަ އެވެ. މިއީ ކްރޮއޭޝިއާގެ ފުޓްބޯޅައިގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އަދި އެންމެ ފަހުން 2022 ވަނަ އަހަރު ހަތަރުގައި އޮތް ވޯލްޑް ކަޕްގެ ތިންވަނަ އެގައުމުން ހޯދިއެވެ. މިފަހަރުގެ ޔޫރޯ މުބާރާތަށް ކްރޮއޭޝިއާ ނުކުންނާނީ ރަނގަޅު ނަތީޖާތަކެއް ނެރެ، ތާރީޚް ބަދަލުކޮށްލުމަށެވެ.

ކޮލިފައިވި ގޮތް:

ޔޫރޯ ކޮލިފައިންގެ ގުރޫޕް އީ ގައި ވާދަވެރި މެޗުތަކަކަށް ފަހު، ކްރޮއޭޝިއާ މުބާރާތަށް ކޮލިފައިވީ ގުރޫޕް ދެވަނަ ޓީމުގެ ގޮތުގަ އެވެ. އުނދަގޫތަކާ ކުރިމަތިވި ނަމަވެސް، ކްރޮއޭޝިއާ ގުރޫޕްގެ ދެވަނަ ހޯދީ ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށް، އެއް މެޗު އެއްވަރުކޮށްގެންނެވެ. ކްރޮއޭޝިއާ ބަލިވީ ދެ މެޗަކުންނެވެ. ކްރޮއޭޝިއާ 16 ޕޮއިންޓާ އެކު ގުރޫޕްގެ ދެވަނަ ހޯދިއިރު، އެ ޓީމާ އެންމެ ވާދަކުރި ތުރުކީ އެއްވަނައިގައި ނިންމާލީ 17 ޕޮއިންޓާ އެކު އެވެ.

މުހިންމު ކުޅުންތެރިން:

ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗަކީ ކްރޮއޭޝިއާގެ ކެޕްޓަނެވެ. ރެއާލަށް ގިނަ އަހަރުތަކަކު ކުޅުނު މޮޑްރިޗަކީ މި ވަގުތު އެންމެ ފާހަގަކޮށްލެވޭ އެއް މިޑްފީލްޑަރެވެ. ފަހުގެ ތާރީޚުގައި ރެއާލް އިން ހޯދި ބޮޑެތި ކާމިޔާބީތަކުގައި މޮޑްރިޗްގެ ދައުރު ބޮޑެވެ.

މޮޑްރިޑް ގައުމީ ޓީމަށް ކުޅެން ފެށީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ތިން ވޯލްޑް ކަޕާއި ހަތަރު ޔޫރޯގައި ކްރޮއޭޝިއާގެ ގައުމީ ޓީމު ތަމްސީލްކޮށްފަ އެވެ.

މަޓިއޯ ކޮވަސިޗް އަކީ ކްރޮއޭޝިއާ ޓީމުގައި ހުރި އެންމެ ހުނަރުވެރި އަދި ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. މެންޗެސްޓަރ ސިޓީއަށް ކުޅޭ ކޮވަސިޗް އަކީ ކުރިން ރެއާލް މެޑްރިޑް، އިންޓަ މިލާން އަދި ޗެލްސީ ފަދަ ބޮޑެތި ކުލަބުތަކުގައި ކުޅެ މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. އޭނާ އެންމެ ބޮޑަށް ވިދާލީ ސްޕެއިންގެ ރެއާލް މެޑްރިޑުގައި ކުޅުނު ދުވަސްވަރުގައެވެ. މިހާރު އުމުރުން 30 އަހަރުގެ ކޮވަސިޗް ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅެން ފެށީ 2013 ވަނަ އަހަރު އެވެ. މިހާތަނަށް ގައުމީ ޓީމަށް 99 އަށް ވުރެ ގިނަ މެޗު އޭނާ ވަނީ ކުޅެފަ އެވެ. ފަސް ލަނޑު ޖަހައިދިނެވެ.

ޒުވާން ހުނަރުވެރި ކުޅުންތެރިން ވެސް ގިނަ ކްރޮއޭޝިއާގެ ޓީމުގެ ފުރަތަމަ 11 ގެ ޖާގައަކަށް، ޒުވާން ޑިފެންޑަރ ޖޯސްކޯ ގްވާޑިއޯލް ވެސް ވާދަކުރާނެ އެވެ. މިހާރު މެންޗެސްޓަރ ސިޓީ އަށް ކުޅެމުންދާ ގްވާޑިއޯލް އަކީ މި ވަގުތު ކްރޮއޭޝިއާގައި ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިޔާ އެވެ. މީގެ އިތުރުން ބަޔާ ލެވަކޫޝަންއަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރ ޖޯސެފް ސްޓެނިސިޗް އަކީވެސް ކްރޮއޭޝިއާ ޓީމުގައި ފާހަގަކޮށްލެވޭނެ ހުނަރުވެރި ކުޅުންތެރިއެކެވެ.

ކޯޗު:

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް އަކީ އެ ގައުމުގައި މަގްބޫލު ކޯޗެކެވެ. ދެހާސް ފަސް ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޑަލިޗް ކޯޗިން ކެރިއަރުގައި ވަނީ ކްރޮއޭޝިއާގެ ބައެއް ކްލަބުތަކާއި މެދުއިރުމަތީގެ ބައެއް ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ.

ކްރޮއޭޝިއާގެ ކޯޗުކަން 2017 ވަނަ އަހަރު ޑަލިވް އަށް ހަވާލުކުރީ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިކޮށްދިނުމުގެ ޓާގެޓާ އެކު އެވެ. ފުރަތަމަ ޓާގެޓް ޑަލިޗް ވަނީ ހާސިލްކޮށްފަ އެވެ. އަދި 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލުން ކްރޮއޭޝިއާ އަށް ޖާގަ ހޯދައިދިނެވެ. އެ މުބާރާތުގެ ރަނަރަޕްގެ މަގާމު ހޯދުމަކީ ކްރޮއޭޝިއާގެ ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ތިންވަނަ ކްރޮއޭޝިއާއަށް ހޯދައިދިނެވެ.

ގުރޫޕުގައި އޮތް ފުރުސަތު:

މިފަހަރު ޔޫރޯގައި ކްރޮއޭޝިއާ ލައްވާލީ ވަރުގަދަ ބުރޫޕަކަށެވެ. އެއީ ދުނިޔޭގެ ފުޓްބޯޅައިގައި ވަރުގަދަ ދެ ބާރު ކަމަށް ވާ ސްޕެއިން އަދި އިޓަލީއާއި އެއް ގުރޫޕަކަށެވެ. އެއީ ގުރޫޕް ބީއެވެ. މި ގުރޫޕުގައި ދެން ހިމެނެނީ އަލްބޭނިއާއެވެ. މި ގުރޫޕުގައި އޮތް ޓީމުތަކަށް ބަލާއިރު ކްރޮއޭޝިއާއަށް ފަސޭހައެއް ނުވާނެއެވެ. އިޓަލީ އާއި ސްޕެއިން ފަދަ ޓީމުތައް ބަލިކުރުމަކީ ކްރޮއޭޝިއާއަށް ބޮޑު ޗެލެންޖަކަށް ވާނެއެވެ.