English Edition
Dhivehi Edition
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމަށްފަހު ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން، ފައިލް ފޮޓޯ: އެމްޑީޕީ.

ދިރާސީ އައު އަހަރެއް ފެށިގެން ދާއިރު އެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވާން ޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އިން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެމްޑީޕީއިން ނެރުނު ބަޔާނުގައިވަނީ ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުގަޅުވާލާ އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ. ގިނަ ބެލެނިވެރިން ދަނީ ސްކޫލު ހުޅުވުނު އިރުވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ކުރަމުންކަން ފާހަގަކުރަމުން އެމްޑީޕީ އިން ބުނީ ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުން ކުރަމުން އަންނަކަމަށެވެ. “އަދި މިކަމާ ނުރުހިގެން ސޯޝަލް މީޑިޔާގައި މުވައްޒަފަކު ހިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް އަޅުގަނޑުމެންނަށް ދަނީ ލިބެމުން” އެމްޑީޕީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ބަޔާނުގައިވަނީ ދިރާސީ ކަލަންޑަރަށް އެއްވެސް ރޭވުންތެރިކަމެއްނެތި އެކިފަހަރުމަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅި ތަރުތީބަށް ނުހަނު ބޮޑެތި ގެއްލުންލިބެމުން ދާކަމަށެވެ. “އަދި ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އަޅުގަނޑުމެން އެދެނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލިކުއްލިއަށް ނިންމާ ނިންމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެކުދިންނާއި އެ ބޭފުޅުން ސަލާމަތްވުމެއް” އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެހެންކަމުން، މިފެށޭ އާ ދިރާސީ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތަޢުލީމީ ދާއިރާއަށް ފައިދާހުރި ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް އެމްޑީޕީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެގު