English Edition
Dhivehi Edition

ޒަމާނީ ފުޓްބޯޅަ އަށް ބޮޑު އިންގިލާބެއް ގެނައި ސްޕެއިން އަކީ އަބަދުވެސް މޮޅެތި ކުޅުންތެރިން އުފެދެމުން އަންނަ ގައުމެކެވެ. ދުނިޔޭގެ ނިސްބަތުން ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. އެހެންނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި ސްޕެއިން އަށް ބޮޑު ތަފާތެއް ދެއްކެން ފެށުނީ 2008ގެ ޔޫރޯ ކާމިޔާބުކުރި ހިސާބުންނެވެ. އޭގެ ފަހުން ސްޕެއިން ވަނީ 2010ގެ ވޯލްޑް ކަޕާއި 2012ގެ ޔޫރޯ ވެސް ކާމިޔާބުކޮށްފަ އެވެ.

ސްޕެއިންގެ “ރަންޖީީލު”ގައި ހިމެނުނު ކުޅުންތެރިން ކަމަށްވާ އަންދުރެސް އިނިއެސްޓާ އާއި ޒަވީ ހޭނާންޑޭޒް އާއި ޑޭވިޑް ވިޔާ އަދި ފެނާންޑޯ ޓޮރޭސް ފަދަ ކުޅުންތެރިންނާ އެކު އޭރު ސްޕެއިން ވެގެންދިޔައީ ދުނިޔޭގެ ފެންވަރުގައި ތަފާތު މޮޅު ޓީމަކަށެވެ.

އެހެން ނަމަވެސް ރަންޖީލުގެ ސްކޮޑާއި އެކު، ދުނިޔެއާއި ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ސްޕެއިން 2014ގެ ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީ ހައިރާންކުރުވަނިވި ގޮތަކަށެވެ. އަދި ހަމަ އެއާއި އެކު ޖެހިގެން އައި 2016 ވަނަ އަހަރުގެ ޔޫރޯގައި ވެސް ސްޕެއިން ވަނީ ދެވަނަ ބުރުން ކަޓައިފަ އެވެ. ނަމަވެސް އެންމެ ފަހުން 2020 ވަނަ އަހަރު ކުޅެވުނު ޔޫރޯގައި އެޓީމުން ސެމީ ކުޅުނެވެ. މި ފަހަރުގެ ޔޫރޯ މުބަރާތަށް ސްޕެއިން ނުކުންނަނީ، މަޒީ ހަނދާން ނައްތާލައި، ރަނގަޅު ނަތީޖާއެއްގެ އުންމީދުގަ އެވެ.

ކޮލިފައިވި ގޮތް

ސްޕެއިން މިފަހަރުގެ ޔޫރޯއިން ޖާގަ ހޯދީ ކޮލިފައިން ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވި އެވެ. އެއްވަރުވީ ދެ މެޗެކެވެ. އެއްމެޗުން ބަލިވިއެވެ. ސްޕެއިން ޔޫރޯއަށް ކޮލިފައިވީ 21 ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.

ކޯޗު

ސްޕެއިންގެ މިހާރުގެ ކޯޗަކީ އެގައުމުގެ އުމުރުން 61 އަހަރުގެ ލުއިސް ޑެ ލާ ފުއެންޓޭ ކަސްޓިލޯ އެވެ. އޭނާ ސްޕެއިން ޓީމުގެ ކޯޗުކަމާ ހަވާލުވީ 2022 ގަ އެވެ.

ސްޕެއިންގެ 19 އަހަރުން ދަށުގެ ގައުމީޓީމާއި 21 އަދި 23 އަހަރުން ދަށުގެ ޓީމަށް ވެސް ކަސްޓިލޯ ކޯޗުކަން ކޮށްދިނެވެ. އޭގެ ކުރިން އޭނާ ވަނީ ސްޕެއިންގެ ގިނަ ކުލަބުތަކަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ކޯޗިން ކެރިއަރުގައި މިހާތަނަށް ކަސްޓިލޯ ހޯދި ކާމިޔާބީތައް ލިބިފައިވަނީ ސްޕެއިންގެ ޖޫނިއާ ޓީމުތަކާ އެކު އެވެ. އެގޮތުން ސްޕެއިންގެ 19 އަހަރުން ދަށުގެ ޓީމާއި 21 އަހަރުން ދަށުގެ ޓީމަށް ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނެވެ. ކަސްޓިލޯގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު ފުރަތަމަ 12 މެޗުގެ ތެރެއިން 8 މެޗުން ވަނީ މޮޅުވެފަ އެވެ. ދެ މެޗު އެއްވަރުވިއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ.

މުހިންމު ކުޅުންތެރިން

މި އަހަރުގެ ޔޫރޯ އަށް ކުރިމަތިލާއިރު، ސްޕެއިން އަކީ ގިނަ އަދަދެއްގެ ހުނަރުވެރި ކުޅުންތެރިން ތަކެއް ހިމެނޭ ޓީމެކެވެ. ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިންނެވެ. ތަޖުރިބާކާރު ކުޅުންތެރިންނަށް ބަލާއިރު ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންގެ ތެރޭގައި އަލްވާރޯ މޮރާޓާ، ޑެނި ކަވަހާލް، އެމެރިކް ލަޕޯޓޭ، ޖޯސޭލޫ، ނަޗޯ،ޑެނި ސެބަލޯސް ފަދަ ކުޅުންތެރިން ހިމެނެއެވެ. ޒުވާން ކުޅުންތެރިންނަށް ބަލާއިރު، ގަވީ، ލަމިން ޔަމާލް، ނިކޯ ވިލިއަމްސް، ފްރެން ގާސިއާ ފަދަ ހުނަރުވެރި ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ގުރޫޕްގައި އޮތް ފުރުސަތު

އިޓަލީ އާއި ކްރޮއޭޝިއާ އަދި އަލްބޭނިއާ އާއި އެކު ސްޕެއިން ހިމެނެނީ ގުރޫޕް ބީގައެވެ. މިއީ މިފަހަރުގެ މުބަރާތުގައި ގުރޫޕް އޮފް ޑެތްގެ ގޮތުގައި ބެލެވިފައިވާ ގުރޫޕެވެ. ތަޖުރިބާ އާއި ކުޅުންތެރިންނަށް ބަލާއިރު އިޓަލީ އާއި ކްރޮއޭޝިއާ އަދި ސްޕެއިން އަކީ ދާދި ހަމަހަމަ ތިން ޓީމެވެ. މި ގުރޫޕްގެ އެންމެ ވަރުގަދަ ކަމަށް ބެލެވިފައިވާ ތިން ޓީމެވެ. އެހެންކަމުން މި ގުރޫޕަކީ ސްޕެއިން އަށް ދެވަނަ ބުރުގެ ޖާގައެއް ހޯދަން ފަސޭހަ ގުރޫޕަކަށް ނުވާނެއެވެ.