English Edition
Dhivehi Edition
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމަށްފަހު ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން، ފައިލް ފޮޓޯ: އެމްޑީޕީ.

އިޒްރޭލުން ފަލަސްތީނުގެ ރަފާހަށް ގާނޫނާ ހިލާފަށް ދަމުން އަންނަ ހަމަލާތަކާއި ބެހޭ ގޮތުން ދުނިޔޭގެ ކޯޓުން ނެރުނު އަމުރާއި ގުޅިގެން، މި ވަގުތަކީ އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް ތެދުވުމަށް ރަނގަޅު ވަގުތުކަމަށް އިދިކޮޅު، އެމްޑީޕީ އިން ބުނެފިއެވެ.

“ބައިނަލްއަގްވާމީ ގާނޫނުތަކަށް އިޒްރޭލުން ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ވަގުތު މިއީއޭ. ސަރުކާރުތަކުންނާއި އަމިއްލަ ފަރާތްތަކުގެ އަމަލީ ފިޔަވަޅުތައް އަޅަންޖެހޭ މުހިންމު ދަނޑިވަޅެއް މިއީ،” އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ފާހަގަކޮށްފައިވާ ގޮތުން، ރަފާހުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި އިޒްރޭލުން ރަފާހާއި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭކަމުގެ އެއްވެސް ހެއްކެއް އަދި ނެތެވެ. އިޒްރޭލުން ރަފާހުގައި އުޅޭ ފަލަސްތީނުންތައް ބޭރުކުރުމަށް ކުރަމުންދާ މަސައްކަތަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފަ އެވެ.

ވުމާއެކު، އައިސީޖޭއިން ނިންމާފައިވާ ނިންމުންތައް ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފަ އެވެ. ހަމައެހެންމެ ރަފާހުގައި ޖެހިފައިތިބި ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށްދިނުމުގެ މުހިންމުކަން ވެސް އެ ޕާޓީ އިން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ޓަކައި، ޒަމާނުއްސުރެ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެ ޕާޓީ އިން އިލްތިމާސްކޮށްފައިވެ އެވެ.

“ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ލާއިންސާނީ އަނިޔާތަކަށް ނިމުމެއް ގެނެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ވީ އެންމެ އަވަހަކަށް ގާއިމުވެގެން ދިޔުމަކީ އަޅުގަނޑުމެންގެ އުއްމީދު،” އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެހެންކަމުން، މި ބަޔާނުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކަށް ރިޢާޔަތްކޮށް، ބައިނަލްއަގްވާމީ މުޖުތަމައުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޕާޓީ އިން ވަނީ ގޮވާލާފަ އެވެ. އަދި ފަލަސްތީނުގެ މިނިވަންކަމާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެއީ އިންސާނީ ކަރާމާތާއި ޙައްގުތައް ހިމާޔަތްކުރުމުގައި ކުރިއަށް އޮތް ތާގައި ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށް އެ ޕާޓީ އިން ދެކެ އެވެ.