English Edition
Dhivehi Edition

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީސް ވަނީ ފެއިލްވެފައިކަމަށާއި ރައްޔިތުންނަށް ފައިދާހުރި ކަންކަން ނިންމުމުގެ ބަދަލުގައި 19 ވަނަ މަޖިލީހާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާވެސް އިސްކުރެއްވީ ގައުމުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީސް ވަނީ ފެއިލްވެފައިކަމަށާއި ރައްޔިތުންނަށް ފައިދާހުރި ކަންކަން ނިންމުމުގެ ބަދަލުގައި 19 ވަނަ މަޖިލީހާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާވެސް އިސްކުރެއްވީ ގައުމުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކަމަށެވެ.

އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ފައިދާވާނެ ކަންކަން 19 ވަނަ މަޖިލީހުގެ ތެރެއިން ކުރެވިގެން ނުދިޔަ ކަމަށާއި އޭގެ ބަދަލުގައި ފެނިގެން ދިޔައީ، ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން މަސައްކަތް ކުރި ތަން ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ކުރިމަތީގައި މަޖިލީހުގެ އަގު މިހާރު ވަނީ ވަރަށް ބޮޑުތަނުން ވެއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިއާއެކު، އަބްދުއްރަޙީމް ވިދާޅުވީ މިހާރު މިއޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާރު ރައްޔިތުންގެ މަޖިލީހަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދާނެ ކަމަށާއި އަދި އެ މަޖިލީހުގެ މަސައްކަތްތައް ބައްޓަންކުރާނީ ގައުމުގެ މަސްލަހަތާއި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަޙީމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ދާދި ފަހުން އިންތިހާބުވެވަޑައިގަތް މެންބަރުންގެ ކިބައިން އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކަންތައްތައް ފެނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި 20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ “އިއްޒަތްތެރި” ކިޔަން އެކަށޭނަ މެންބަރުން އުޅޭ މަޖިލީހަކަށް ކަމަށެވެ.

މީގެ އިތުރުން އަބްދުއްރަޙީމް ވިދާޅުވީ ތިންބާރު ވަކިވެފައި އޮތުމުގެ މާނައަކީ އެއްބާރުން އަނެއް ބާރަށް އަރައިގަތުން ނޫން ކަމަށާއި އެހެނެއް ކަމަކު އެއީ އެއްބާރުން އަނެއް ބާރަށް ދޭން ޖެހޭ އެއްބާރުލުން ދެމުން، އެއްބާރުން އަނެއް ބާރަށް ފާރަވެރިވުން ކަމަށެވެ. އަދި މިފަހަރު އިންތިހާބުވި މެންބަރުން މަސައްކަތްކުރައްވާނީ ރައީސް މުއިއްޒުގެ މެނިފެސްޓޯއަށް އެއްބާރުލުން ދޭނެ މަޖިލީހަކަށް ކަމަށް ވެސް އަބްދުއްރަޙީމް ވިދާޅުވި އެވެ.