English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ - ފޮޓޯ: ޓްވިޓާ (އެމްއޭސީއެލް)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފަކަށް ސިއްހީ ކުއްލި މައްސަލައެއް ދިމާވެ، ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ނިޔާވީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ފުލުހުން އެންމެ ފުރަތަމަ ބުނީ އެއާޕޯޓް ލަގޭޖް އުފުލާ ވެހިކަލެއް އޭނާ ދުއްވާފައި ދަނިކޮށް އޭޕްރަން ސަރަހައްދުގައި ލައިޓް އަދި ކެމެރާ ހަރުކޮށްފައި ހުރި ސްޓްރަކްޗާއެއްގެ ބުޑުގަނޑުގައި ޖެހިފައިވާ ކަމަށެވެ. އަދި ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔަކަމަށާއި އަދި އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ. އަދި އެމީހާ އައިޖީއެމްއެޗް އަށް ގެންގޮސް އިތުރަށް ބަލައި، ބޭރުފުށުން ވެސް އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ މަރުވި ކަމަށް ލަފާކުރެވެނީ ސިއްހީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ.