English Edition
Dhivehi Edition

އަންނަ ހޫނު މޫސުމުގައި ޕޯޗުގަލް އާއި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމަށް ޖަރުމަނުގެ ލީގު ޗެމްޕިއަން، ބަޔާން ލެވަކުސަން އިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތައް އެ ކުލަބުން ދޮގުކޮށްފި އެވެ.

ފާއިތުވި ހަފްތާގައި ލެވަކޫސަން އިން ރޮނާލްޑޯ ހޯދުމަށް މަސައްކަތް ކުރާކަމަށް ބުނެ މީޑިއާގައި ވަނީ ޚަބަރު ފެތުރިފައެވެ. އެގޮތުން ރޮނާލްޑޯ ހޯދުމަށް ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ޝައުގުވެރިވާކަމަށާއި އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ރޮނާލްޑޯ ގެނައުމަށް ކުލަބުގައި އަލޮންސޯ އެދިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ނަމަވެސް މި ޚަބަރުތަކާއި ހަވާލާދީ ކުލަބުން ބުނެފައިވަނީ ރޮނާލްޑޯ ގެނައުމަށް އެއްވެސް މަސައްކަތެއް މިހާތަނަށް ކުރަމުން ނުދާކަމަށާއި އަދި މަސައްކަތް ނުވެސް ކުރާނޭކަމަށެވެ.

އެއްވެސް އަސާސެއް ނެތް މި އަޑުތަކާއި ގުޅިގެން ލެވަކޫސަން އިން ބުނީ ރޮނާލްޑޯއަކީ މޮޅު ކުޅުންތެރިއެއް ނަމަވެސް އޭނާގެ ސްޓައިލް އެ ކުލަބުގެ މިހާރުގެ ފަލްސަފާއާ ގުޅުމެއް ނެތްކަމަށެވެ. އަދި އެ ކުލަބުން އަބަދުވެސް އިސްކަން ދެނީ ޒުވާން ކުޅުންތެރިންނަށް ކަމަށް ވެސް ލެވަކޫސަން އިން ބުނެފައިވެއެވެ.

މީގެ އިތުރުން ލެވަކޫސަންގެ ޕްރޮޖެކްޓާއި ރޮނާލްޑޯއާއި ގުޅުމެއް ނެތްކަމަށް ވެސް ކޯޗު އަލޮންސޯ ގަބޫލުކުރާކަމަށް ވެސް ބުނެފައިވެއެވެ.

ލެވަކޫސަން އަށް ރޮނާލްޑޯ ބަދަލުވާން އުޅޭކަމުގެ ޚަބަރުތައް މީޑިއާގައި ދެކެވުނު ނަމަވެސް، ރޮނާލްޑޯ ވަނީ އޭނާގެ މިހާރުގެ ކުލަބު އަލް ނަޞްރާއި އެކު ހަދާފައި ވާ އެއްބަސްވުން ހަމަވަންދެން ކުލަބުގައި މަޑުކުރަން ނިންމާފައެވެ. އަންނަ ސީޒަނުގައި ވެސް ފެނިގެން ދާނީ އަލް ނަޞްރުގެ ޖާޒީގައި ކަން ރޮނާލްޑޯ ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި އިތުރު އަހަރަކަށް ރޮނާލްޑޯގެ އެއްބަސްވުން އާކުރުމަށް އަލް ނަޞްރުގެ އޮފިޝަލުން މަސައްކަތް ކުރަމުންދާކަން ސައުދީ މީޑިއާއިން ކަށަވަރުކޮށްދީފައިވާއިރު، މިކަމާއި ގުޅިގެން ދެ ފަރާތުގެ މެދުގައި ކުރިއަށް ދާ މަޝްވަރާތައް ވެސް ވަރަށް ޕޮސިޓިވް ކަމަށް ވެސް ސައުދީ މީޑިއާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ދުނިޔޭގައި މިވަގުތު އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިޔާގެ ގޮތުގައި ރޮނާލްޑޯ ވެފައިވާއިރު، އޭނާއަށް މުސާރަ، ބޯނަސް، އިމޭޖް ރައިޓްސް ފަދަ ތަކެތި ހިމެނޭ ގޮތަށް އަހަރަކު 250 މިލިއަން ޔޫރޯ ލިބޭކަމަށް ރިޕޯޓުތައް ބުނެ އެވެ.