English Edition
Dhivehi Edition
22 ފެބުރުވަރީ 2023: މަސްތުވާތަކެތީގެ މައްސަލައެއްގައި ތިނަދޫއާއި ނޮޅިވަރަންފަރުން 2 މީހަކު ހައްޔަރުކޮށްފި - ފޮޓޯ: ޕޮލިސް

ޗައިނާ ވައިޓްގެ ނަމުގައި ނުރައްކާތެރި މަސްތުވާތަކެތި ބާޒާރުގައި ދައުރުވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިއުލާންކޮށްފި އެވެ.

މި ބަޔާނާ ގުޅިގެން ޓްވީޓެއް ކުރައްވަމުން އައިޖީއެމްއެޗްގެ އިންޓާނަލް މެޑިސިން ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ، ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރެވޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ބުނާ ގޮތުން އެފަދަ މީހުން “ޗައިނާ ވައިޓް” ޑްރަގްސް ބޭނުންކުރާ ކަމަށެވެ.

އެ ޑްރަގްސް ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑަށް ނުރައްކާތެރި އިންފެކްޝަނެއްގެ އަސަރު ފެނިފައިވާކަމަށް ޑރ. މުހައްމަދު އަލީ ފާހަގަކުރެއްވިއެވެ. އަދި އިންފެކްޝަންގެ ސަބަބުން ފުރާނައަށް ނުރައްކާވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަންޖެހިފައިވާ ކަމަށެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެވާ ހުރިހާ ދޮރުތަކެއް ބަންދުކުރަން ޖެހޭކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން، ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލުވެސް މަނާކުރުމަށް ޑރ. މުހައްމަދު އަލީ ގޮވާލައްވައިފި އެވެ. އޭނާ ވިދާޅުވީ މިފަދަ ފިޔަވަޅުތައް ނާޅައިފިނަމަ، ދިވެހި ޒުވާނުންގެ އާބާދީ މަސްތުވާތަކެތީގެ ސަބަބުން ހަލާކުވެގެންދާނެކަމަށެވެ.

ޗައިނާ ވައިޓްގެ ނުރައްކާތެރިކަމާމެދު ސަރުކާރުން އިންޒާރު ދެއްވާފައިވާ މި ދަނޑިވަޅުގައި، އެ މަސްތުވާތަކެތި ދައުރުވުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަކީ މުހިންމުކަމެއްކަމުގައި ސިއްހީ މާހިރުން ފާހަގަކުރައްވައެވެ.