English Edition
Dhivehi Edition
ފޮޓޯ: ހަންގޭރީ ޓުޑޭ

ފަހުގެ ތާރީޚެއްގައި ފުޓްބޯޅައިން މާބޮޑު ކާމިޔާބީތަކެއް ނުލިބުނު ނަމަވެސް ހަންގޭރީ އަކީ 1960ގެ އަހަރަކުތަކުގައި ޔޫރަޕު ފުޓްބޯޅައިގައި ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ ގައުމެކެވެ. އެއީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. 1930 ވަނަ އަހަރުން ފެށިގެން 1964 ވަނަ އަހަރާއި ހަމައަށް ކުޅެވުނު ބައިނަލްއަޤުވާމީ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުން ހަންގޭރީ ނެރެފައިވަނީ ރަނގަޅު ނަތީޖާތަކެކެވެ. ހޯދާފައިވާ ކާމިޔާބީތައްވެސް ގޯހެއްނޫނެވެ.

ހަންގޭރީ އެންމެ ފުރަތަމަ ވާދަވެރި މުބާރާތަކީ 1934 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ކަޕް މުބާރާތެވެ. އެ މުބާރާތުން ރަނގަޅު ކާމިޔާބީތަކެއް ހާސިލް ނުވި ނަމަވެސް ޖެހިގެން އައި މުބާރާތް 1938 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕް މުބާރާތުގައި އެއްކޮޅުން ފައިނަލް ކުޅުނެވެ. ނަމަވެސް ތައްޓާއި ހަމައަށް ނުދެވުނެވެ. އޭގެ ފަހުން 1954 ވަނަ އަހަރު ސްވިޒަލެންޑް ގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގައިވެސް ހަންގޭރީން ވަނީ އެއްކޮޅުން ފައިނަލް ކުޅުފައެވެ. ނަމަވެސް އެ މުބާރާތުގައި ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއިއެވެ.

ހަންގޭރީން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 1964 ވަނަ އަހަރުގައެވެ. އެއީ ސްޕެއިންގައި ބޭއްވި މުބާރާތުގައިއެވެ. ހަތަރު ޓީމުން ވާދަކުރި މި މުބާރާތުގައި ހަންގޭރީ ވަނީ ސެމީގައި ކުޅެފައެވެ. މި މުބާރާތުގެ ތިންވަނަ ހަންގޭރީން ހޯދިއެވެ. މިއީ ޔޫރޯ ތާރީޚުގައި މިހާތަނަށް އެޓީމަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ. އޭގެ ފަހުން ހަތަރު ޔޫރޯގައި ހަންގޭރީ ވާދަކުރިއެވެ.

1934 އިން 1964 އާއި ހަމައަށް އެއީ ހަންގޭރީގެ ރަންޒަމާނެވެ. އޭރު ޔޫރަޕް ފުޓްބޯޅައިގައި ހަންގޭރީ އަކީ ގަދަ ބާރެކެވެ. ފުޓްބޯޅައިގައި މުއްސަނދި ތާރީހެއް އޮތް ގައުމެކެވެ. ބަލި ނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި ރެކޯޑް އެއް ދުވަސްވަރެއްގައި އެ ގައުމުގެ އަތުގައި އޮތެވެ. މީގެ 70 އަހަރު ކުރިން، 1950 ގެ ކުރީކޮޅު ހަންގޭރީން ބަލި ނުވެ 31 މެޗު ފުރިހަމަ ކުރި އެވެ. އެއީ އޭރުގެ ރެކޯޑެކެވެ. އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިން ތިން ފަހަރު ރަން މެޑަލް ހޯދި، ހެންގޭރީ ވަނީ އެ މުއްދަތުގައި އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިން ފުރަތަމަ ފަހަރު ރަން މެޑަލް ހޯދައިފަ އެވެ.

މިއީ ވިދިވިދިގެން ތިން ޔޫރޯގައި ހަންގޭރީ ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ފްރާންސްގައި 2016 ގައި ބޭއްވި ޔޫރޯ އަށް ހެންގޭރީ ކޮލިފައިވީ 44 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެވެ. އެ ފަހަރު ޔޫރޯގައި ޕޯޗްގަލް އާއި އައިސްލެންޑް އަދި އޮސްޓްރިއާ ހިމެނުނު ގުރޫޕް އެފްގެ އެއް ވަނަ އެ ޓީމުން ހޯދި އެވެ.

ކޮލިފައިވީ ގޮތް

މިފަހަރުގެ ޔޫރޯއަށް ހަންގޭރީ ކޮލިފައިވީ، ގުރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، އެޓީމު ހިމެނުނު ގުރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި، ސާބިއާ، މޮންޓެނިގްރޯ، ލިތުއޭނިއާ އަދި ބަލްގޭރިއާ ހިމެނުނު ގުރޫޕް ޖީގެ އެއް ވަނަ ހަންގޭރީ ހޯދީ 18 ޕޮއިންޓް ހޯދައިގެންނެވެ.

މުހިންމު ކުޅުންތެރިން

އާރްބީ ލައިޕްޒިކްގެ ވިލީ އޯބަން އަކީ ޓެކްލުކޮށް ބޯޅަ ހޯދުމުގައި ވަރުގަދަ ޑިފެންޑަރެކެވެ. ނަމަވެސް އޭނާގެ ތޫނުފިލިކަން ހިއްސާ ކުރަނީ ހަމައެކަނި ޑިފެންސިވް އޭރިއާގައެއް ނޫނެވެ. ލަނޑު ޖަހުމުގައި ވެސް އޭނާގެ އަތުގައި އޮތް ރެކޯޑް ކުޑައެއް ނޫނެވެ. ޑިފެންޑަރަކަށް ކުޅެމުން އޮކްޓޯބަރު 2018 އިން އޮކްޓޯބަރު 2023 އާ ދެމެދު ގައުމީ ޓީމަށް ހަ ލަނޑު ޖަހައިދިނެވެ. އެ ތިން އަހަރު ގައުމީ ޓީމަށް އެންމެ ގިނައިން ލަނޑު ޖެހި ދެ ވަނަކުޅުންތެރިޔާގެ ގޮތުގައި ހިމެނުނީ އޭނާގެ ނަމެވެ.

މިފަހަރުގެ ޔޫރޯގައި ހަންގޭރީ ޓީމުން ވިދާލާނެ ކަމަށް ބެލެވެނީ، ބުންޑެސް ލީގާގެ ކްލަބު ފްރައިބާގްގެ ވިންގާ ރޯލެންޑް ސާލައި އެވެ. ނިމިދިޔަ ސީޒަންގައި، އޭނާ ވަނީ ފްރައިބާގްއަށް އަށް ގޯލް ޖަހައިދީ އިތުރު ހަ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. މީގެ އިތުރުން ލިވަޕޫލަށް ކުޅެމުން އަންނަ ކެޕްޓަން ޑޮމިނިކް ޝޮބޮސްޒްލައި އަކީވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ.

ކޯޗު

ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕަށް ހެންގޭރީ ކޮލިފައި ނުވުމުން، އެ އަހަރު ޖޫން މަހު ގައުމީ ޓީމު ހަވާލު ކުރީ އިޓާލީގެ މާކޯ ރޮސީ އަށެވެ. ގައުމީ ޓީމު އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ޕްރޮޖެކްޓާ އެކު ރޮސީއާ ކޯޗްކަން ހަވާލު ކުރި އެވެ. އޭގެ ކުރިން އޭނާ ވަނީ ހަންގޭރީގެ ލީގުގައި މަސައްކަތްކޮށް ކާމިޔާބު ހޯދައިފަ އެވެ. އެހެންވެ އެ ގައުމުގެ ފުޓްބޯޅަ އަށް ގެންނަންޖެހޭ ބަދަލު ވަރަށް ރަނގަޅަށް އޭނާއަށް އޮތީ ދެނެގަނެވިފަ އެވެ.

ރޮސީއާ އެކު ހަންގޭރީގެ ފޯމް ރަނގަޅުވެގެން ދިޔަ އެވެ. ޔޫއެފާ ނޭޝަން ލީގުގައި 2018-2019 ގައި ލީގު ސީގެ ގުރޫޕް ދޭއްގެ ދެ ވަނަ ހޯދައި، ލީގު ބީ އަށް އެ ޓީމު ޕްރޮމޯޓް ކޮށްދިނެވެ. ލީގު ބީގެ ސީޒަންގައި ރަޝިއާ، ސާބިއާ، ތުރުކީ ހިމެނުނު ގުރޫޕުން އެއް ވަނަ ހޯދައި 2022-2023 ގެ ނޭޝަން ލީގުގެ ގުރޫޕް އޭ އަށް އެޓީމު ކޮލިފައި ކޮށްދިނެވެ.

ރޮސީއަކީ ލީޑްސް ޔުނައިޓެޑްގެ ކޯޗް މާސެލޯ ބިއެލްސާގެ ފުޓްބޯޅަ ފިލޯސަފީ ފޮލޯ ކުރާ މީހެކެވެ. ކޯޗެއްގެ ގޮތުގައި އޭނާ ރޯލް މޮޑެލްއެއް ކަމުގައި ބަލަނީ ބިއެލްސާ އެވެ. ބިއެލްސާގެ ކޯޗުކަމުގެ ދަށުން، ރޮސީ ވަނީ މެކްސިކޯގެ “ކްލަބު އެމެރިކާ” އަށް ކުޅެފަ އެވެ. މިފަހަރުގެ ޔޫރޯ މުބާރާތަކީ ރޮސީގެ ކޯޗުކަމުގައި ހަންގޭރީ ޖެހިޖެހިގެން ކުޅޭ ދެވަނަ ޔޫރޯ މުބާރާތެވެ.

ހަންގޭރީ މިފަހަރު ޔޫރޯ މުބާރާތުގައި ހިމެނުނީ މުބާރާތް ބާއްވާ ގައުމު ޖަރުމަނާއި، ސްކޮޓްލެންޑް އަދި ސްވިޒަލެންޑް ވެސް ހިމެނޭ ގުރޫޕް އޭގައެވެ. މުބާރާތުގައި ހަންގޭރީގެ ފުރަތަމަ މެޗަކަށް ވާނީ ޖޫން 15 ވަނަ ދުވަހު ސްވިޒަލެންޑާއި ދެކޮޅަށް އެޓީމު ކުޅޭމެޗެވެ.