ހެލްމެޓް ނާޅާ، ސިނަމާލެ ބްރިޖުގައި ސައިކަލް ދުއްވި ދެމީހުން ޖޫރިމަނާ ކޮށްފިއެވެ.
އެ މީހުން ހެލްމެޓް ނާޅާ ބްރިޖް މަތިން ދަތުރު ކޮށްފައިދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ 2 މީހުންގެ މައްސަލަ ބަލާފައިވާ ކަމަށެވެ.
އެގޮތުން އެ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށާއި މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކުވެސް އެއްބާރުލުން ދިނުމަކީ މަގުގެ އަމާންކަމަށް ކޮށްދެވޭ އަގުހުރި ހިދުމަތަކަށްވާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
ބްރިޖާއި ހައިވޭގައި ދުއްވާ މީހުން ހެލްމެޓް އެޅުން މަޖުބޫރުކޮށްފައި ވަނީ މާޗު 10، 2019 ގައެވެ. އަދި ހެލްމެޓް ނާޅާ ދުއްވާ ފަރާތްތަކުން ޖޫރިމަނާ ކުރަން ފަށާފައި ވަނީ އޭޕްރީލް 1 2019ގައެވެ،
ހެލްމެޓް އެޅުމުގެ ގަވައިދާ ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރާނީ 500 ރުފިޔާ އިން ނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި 3 ވަނަ ފަހަރުން ފެށިގެން ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައި ވެއެވެ.
30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވުމައް ހުއްދަ ކުރެވިފައިވާ ސަރަހައްދުތަކުގައި ސައިކަލު ދުއްވާއިރު، ދުއްވަން އިންނަ މީހާގެ އިތުރުން ފަހަތުގައި އިންނަ މީހާ ވެސް ހެލްމެޓް އަޅަން ޖެހެއެވެ. އަދި ދެ އަހަރުން މަތީގެ ކުޑަކުއްޖަކު ގޮވައިގެން ދާ ނަމަ އެ ކުއްޖާވެސް ހެލްމެޓު އަޅުވަން ޖެހެއެވެ.