އަތްމަތި ތަނަވަސް ކުރައްވައި އެކަލާނގެ ފަޟްލުވަންތަކަން ދެއްވީ އިމްތިހާނަކަށް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“މުދަލު ޒަކާތް’ މައުޟޫއަށް ކުރިެަށް ގެންދިޔަ ޚުތުބާގައި ބުނީ މުދަލަށް ލޯބިކުރުމާއި، މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިޠުރަތުގައިވާ ކަމެެއްކަމަށެވެ. އަދި މުދަލަކީ، އެއްވެސް ޙާލެއްގައި އެއިން ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއްނޫން ކަމަށެވެ.
މީގެ އިތުރުން މުދާވެރިކަމާއި، ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާއެކު، މާތް الله ގެ މަގުގައި ހޭދަކުރަން ޖެހޭކަމަށް ވެސް ޚުތިބާގައި ބުންޏެވެ. އަދި ފަޤީރުންނާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް ބުންނެވެ.
ޚުތުބާގައި ބުނީ މާތް اللهގެ މަގުގައި ހޭދަކުރުމާއި، މުޖުތަމަޢަށް ފައިދާހުރި ކަންތަކުގައި މާލީގޮތުން ބައިވެރިވުމާއި، ބޭނުން ޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުމާއި، މިފަދަކަންކަމަކީ ކުރަންޖެހޭ ކަންކަން ކަމަށެވެ.
ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކި މުދަލު ޒަކާތް ކަމަށާއި އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތް ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި ފިޠުރު ޒަކާތަކީ ވެސް ވާޖިބެއް ކަމަށާއި އެހެނަސް އެއީ އިސްލާމްދީނުގެ ރުކުނެއް ނޫންކަމަށް ބުންޏެވެ.
އެހެންކަމުން ޒަކާތުގެ ނިޞާބުހަމަވާ މިންވަރަށް ތިމާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެފައި، އެއަށް ހަނދުމަހުން އެއްއަހަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާނެ ކަމަށް ބުންޏެވެ.
މުދަލު ޒަކާތުގެ މިންވަރަކީ ފައިސާގެ ނުވަތަ މުދަލުގެ ސާޅީސް ބައިކުޅަ އެއްބައި ކަމަށާއި މުސްލިމުން ނަމާދު ކުރަން ދަސްކުރާ ފަދައިން، ޙައްޖަށް ދާން އުޅޭއިރު، ޙައްޖުގެ އަޅުކަން އަދާކުރާ ގޮތް ދަސްކުރާ ފަދައިން، ޒަކާތާބެހޭ ޙުކުމްތައް ވެސް ދަސްކުރަން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.