English Edition
Dhivehi Edition

އައްޑޫ ސިޓީ، މީދޫގައި ހުންނަ މަތިކިޅި އިކޯގާޑަންއަށް ވަނުމަށް ފީ ނަގަން ފަށައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، އިކޯގާޑަންގައި ޓިކެޓު ގަނެގެން ހޭދަކުރެވޭނީ 45 މިނެޓެވެ.

ދިވެހިންނަށް 10 ރުފިޔާ ދައްކަންޖެހޭއިރު ފަތުރުވެރިންނަށް ވަދެވޭނީ 50 ރުފިޔާއެވެ. އަދި ވޯކް ވިސާގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް 15 ރުފިޔާ ނަގާނެއެވެ.

ނަމަވެސް، އިކޯގާރޑަން ޑިވެލޮޕްމެންޓް ޓީމާއި އައްޑޫ ސިޓީ ކައުންސިލާއި އަދި ދައުލަތުގެ ރަސްމީ ބޭނުންތަކަށް އިކޯގާޑަންއަށް ވަނުމަށް ޚާއްސަ “ވިޒިޓިން ކާޑެއް” ދޫކުރާނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އަދި، އިކޯގާޑަން ކުއްޔަށް ދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެއެވެ. ޕާޓީތަކާއި ހަފްލާތައް ފަދަ ޚާއްސަ މުނާސަބަތުތަކަށް މަދުވެގެން 3 ގަޑިއިރަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކުއްޔަށް ދޫކުރާނީ ގަޑިއިރަކަށް 800 ރުފިޔާގެ މަގުންނެވެ. އިތުރަށް ހޭދަވާ ކޮންމެ ގަޑިއިރަކަށް 100 ރުފިޔާ އިތުރުވާނެއެވެ.

މަތިކިޅި އިކޯގާޑަނުން ލިބޭ އާމްދަނީ “އައްޑޫ ކޮންޒާވޭޓިވް ޓްރަސްޓް” ފަންޑަށް ޖަމާކުރުމަށް ވަނީ ނިންމާފައެވެ.