English Edition
Dhivehi Edition

އައްޑޫސިޓީ މަރުކަޒީ އިންޖީނުގޭގައި ބަހައްޓައިފައިވާ 2.2 މެގަވޯޓުގެ ދެ އިންޖީނުން ކަރަންޓު ދެވޭވަރުވާނީ އަންނަ އަހަރު ޖެނުއަރީމަހު ކުރީޅުކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ބުނެފައިވަނީ އެ ދެއިންޖީނުވެސް މިހާރުވަނީ މެއިން ނެޓްވޯކާ ގުޅައިފައިފައެވެ. އެ އިންޖީނުތައް މެއިން ނެޓްވޯކާ ގުޅިދުވަހުވެސްވަނީ ތިންގަޑިއިރަށް ކަރަންޓު ކަނޑައިލައިފައެވެ.

މަރުކަޒީ އިންޖީނުގޭގައި އަލަށް ބަހައްޓާފައިވާ 2.2 މެގަވޯޓުގެ ދެ އިންޖީނަކީ އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ބަހައްޓައިފައިވާ އިންޖީންތަކެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ އެ ދެ އިންޖީނުން ކަރަންޓު ދޭން ފެށުމުން ލޯޑު ބޮޑުވެގެން ކަރަންޓު ކަނޑާލާކަށް ނުޖެހޭނެ ކަމަށެވެ.

މިހާރު ބޭނުންކުރަމުންދާ އިންޖީންތަކުގެ ތެރެއިން ދެ އިންޖީނަކަށް މައްސަލަ ދިމާވުމުގެ ސަބަބުން ރެއާ މިއަދުވެސް ބައެއް ހިސާބުތަކުންވަނީ ކަރަންޓުން ކެނޑިފައެވެ.

ފެނަކައން މިއަދު ބުނެފައިވަނީ ދެ އިންޖީނަކަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއް ހައްލުކުރުމަށްޓަކައި މިއަދުން ފެށިގެން ގާތްގަނޑަކަށް ފަސް ދުވަހަކަށް އައްޑޫގެ ގުޅިފައިވާ ރަށްރަށުގެ އެކި ހިސާބުތަކުން ކޮންމެ ދުވަހަކު އެއްގަޑިއިރަށް ކަރަންޓު ކެނޑޭނެ ކަމަށެވެ. ކަރަންޓު ކެނޑިފައި އޮންނަ ވަގުތު ދިމާވާ ދަތިކަމްކަމަށް މައާފަށް އެދޭކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.