English Edition
Dhivehi Edition
އަބްދުއްރަހީމް އަބްދުﷲ ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ./ ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޓީމު ބައިބައިކޮށްލުމަށް ދޮގު ވާހަކަތަކާއި ހަބަރުތައް ފެތުރުމުން، އެވާހަކަތައް ފަތުރާ މީހުން ފަޟީހަތްވުން ފިޔަވައި އިތުރުކަމެއް ނުވާނެކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރާއި ޚާރިޖީވަޒީރު ހިމެނިވަޑައިގަންނަވަ ގޮތަށް ސަރުކާރުގެ ބައެއް މަގަމުތަކަށް ބަދަލުތަކެއް ގެންނެވުމަށް ރައީސް ވިސްނަވަމުންދާކަމަށް ބައެއް ފަރާތްތަކުން ދައްކަމުން ދާ ވާހަކައަށް ރައްދުދެއްވަމުން ރައީސްގެ އިސް މުސްތަޝާރު އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން ދިޔަކަމަށެވެ.

“އިންޝާالله އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީޙަތްވުންނޫން އިތުރުކަމެއް ޙާޞިލެއްނުވާނެ. ރައީސް ޑރ.މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް.ދިވެހީންދާނީ މުޢިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް” އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންނަމަވެސް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިހާބުގައި ދިވެހީންނުކުމެ ސާބިތުކޮށްދީފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އިތުރަށް އަބްދުއްރަހީމް ވިދާޅުވީ އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ޚަބަރުތަކުން އެމީހުން ފަޟީހަތްވުން ނޫންކަމެއްނުވާކަމަށެވެ.