ވާދަވެރި އާސެނަލް ރޮއްވާލުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޝަރަފުވެރި ތަށި، މެންޗެސްޓަރ ސިޓީން ހޯދައިފިއެވެ. މިއާއި އެކު ސިޓީ ވެގެން ގޮސްފައިވަނީ ޖެހިޖެހިގެން ހަތަރު ސީޒަނެއްގައި މި ތަށި ހޯދި ހަމައެކަނި ޓީމަކަށެވެ.
ޕްރިމިއާ ލީގުގެ މި ސީޒަނުގެ ކުޅުން މިރޭ ނިމިފައިވާއިރު، ސިޓީން ތަށި ޔަގީންކުރީ އަމިއްލަ ދަނޑުގައި ވެސްޓް ހަމް 3-1 އިން ބަލިކޮށްގެންނެވެ. އެ ޓީމަށް 38 މެޗުން 91 ޕޮއިންޓް ލިބިފައިވާ އިރު، ސިޓީއާއި އެންމެ ގާތުން ލީގު ތައްޓަށް ވާދަކުރި އާސެނަލްއެވެ. އާސެނަލް އިން ލީގު ނިންމާލީ 38 މެޗުން 89 ޕޮއިންޓާ އެކުގައެވެ.
ލީގުގެ ފަހު މެޗުތަކުގެ ކުޅުން މިރޭ ކުރިޔަށް ދިޔައިރު، އާސެނަލަށް ލީގު ލިބުމުގެ ފުރުސަތު އޮތް ނަމަވެސް، އެ ޓީމަށް އަމިއްލަ ބާރެއް ނެތެވެ. އެގޮތުން އާސެނަލަށް ޖެހިފައި އޮތީ ސިޓީގެ ނަތީޖާއަށް ބަރޯސާވާށެވެ. އެއީ މިރޭގެ މެޗުން މޮޅުވެ، ސިޓީއަށް ތަށި ހޯދުމުގެ އަމިއްލަ ބާރު އޮތުމުންނެވެ.
އާސެނަލުން މިރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި އެވަޓަން އަތުން 1-2 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް ސިޓީ މެސްޓް ހަމް އަތުން މޮޅުވުމުން އާސެނަލް ތައްޓަށް ކުރަމުން އައި އުންމީދު ގެއްލިގެން ދިއައެވެ. ސިޓީން ވިދިވިދިގެން ލީގު ތަށި ހަތަރުފަހަރު ހޯދިއިރު، މީގެ ކުރިން މި ތަށި ހަތަރު ފަހަރު ހޯދާފައިވަނީ މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލްމ އާސެނަލް އަދި ހަޑަލްސްފީލްޑް ޓައުނެވެ.
މިރޭގެ މެޗު ސިޓީން ފެށީވެސް ފަށި ދިފާއުކުރުމުގެ ރޫހުގައި ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅުގައި އެ ޓީމުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައިއެވެ. އެ ދެ ގޯލުވެސް ޖަހައިދިނީ މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފިލް ފޮޑެންއެވެ. ސިޓީން ދެ ގޯލު ޖަހައިފައި ވަނިކޮށް ހާފު ނިމެން ވަގުތު ކުޑަވެފައި އޮއްވައި ވެސްޓްހަމް އިން ގޯލެއްޖެހިއެވެ. މި ގޯލު ޖަހައިދިނީ މުހައްމަދު ކުޑޫސްއެވެ. ސިޓީން ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ރޮޑްރީއެވެ.