English Edition
Dhivehi Edition
އައްޑޫސިޓީ މޭޔަރު ނިޒާރު

މަސްވެރިކަން ކިޔަވައިދޭ ކޮލެޖު ގާއިމުކުރަން ވާނީ ހުވަދޫގައި ނުވަތަ މަސްވެރިން ގިނަ އަތޮޅެއްގައި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ފިޝަރީޒް ކޮލެޖު މާލޭގައި ޤާއިމުކުރަން ނިންމާފައިވާތީ، އެކަމާމެދު އޭނާ މިއަދ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ފިޝަރީޒް ކޮލެޖުގެ ކޯސްތައް އޯގަސްޓު މަހުގެ އިންޓޭކާއެކު ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.

ނަމަވެސް އެ ކޮލެޖު މާލޭގައި ގާއިމުކުރަން ނިންމާފައިވާތީ، މޭޔަރު ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ މަސްވެރިން ގިނަ ހުވަދޫ ނުވަތަ އެ ފަދަ އަތޮޅެއްގައި މި ކޮލެޖު ހުޅުވާލުމަކީ ރަނގަޅު ފާލަކަށް ވާނެ ކަމެވެ. އަދި އަތޮޅުތެރޭގައި ތިބި މަސްވެރިން ނުވަތަ މި ދާއިރާއަށް ޝައުގުވެރިވާ ފަރާތްތައް މާލެ ގެނައުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“އައްޑޫގައި ނޫނިއްޔާ ހުވަދޫގައި ނޫނިއްޔާ އެހެން އަތޮޅެއްގައި އެކަން ކުރިނަމަ އަޅުގަނޑުމެންނަށް އެ ކަމުގެ ރަނގަޅު ނިޔަތެއް އޮތް ކަމަށް ގަބޫލުކުރެވޭނެ،” މޭޔަރު ވިދާޅުވިއެވެ. އަދި ހުރިހާ ކަމެއް މާލޭގައި ކުރާކަށް ނުޖެހޭނެކަމަށާއި ކުރެވެން އޮތް ކަންކަން އަތޮޅުތަކުގައި ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

މަސްވެރިންނަކީ އަތޮޅުތެރޭގައި އުޅޭ ބައެއް ކަމަށްވާތީ، އެ މީހުންނަށް ބޭނުންވާ މައުލޫމާތާއި އިލްމު ފޯރުކޮށްދިނުމަށް އެފަދަ ސަރަހައްދުތަކުގައި އެކަން ކުރުމުގެ މުހިންމުކަން މޭޔަރު ފާހަގަކުރެއްވިއެވެ. ނަމަވެސް ފިޝަރީޒް ކޮލެޖުގެ އިތުރު ތަފުސީލުތައް އެމްއެންޔޫއިން އަދި ހާމަކޮށްފައެއް ނުވެއެވެ.