English Edition
Dhivehi Edition
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމަށްފަހު ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން، ފޮޓޯ: އެމްޑީޕީ.

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް ނާކާމިޔާބިއާ ކުރިމަތިލާންޖެހުނު ސަބަބުތައް ދިރާސާކޮށް، ޕާޓީއާމެދު ރައްޔިތުން ދެކޭގޮތް ހޯދައި ޕާޓީގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލަން އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ ރޭ ބޭއްވި އެމްޑީޕީގެ 4 ވަނަ ދަޢުރުގެ 9 ވަނަ ބައްދަލުވުމުގައި ޤައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަކަށްފަހުގައެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވީ އެމްޑީޕީގެ ކުރިމަގު ބައްޓަންވާނީ އެ ދިރާސާތަކުގެ މައްޗަށް ކަމަށެވެ.

“ދިވެހިރައްޔިތުންނާއި އެމްޑީޕީގެ މެންބަރުން އެމްޑީޕީ ބައްޓަންކުރަން ކުރިޔަށް އޮތް މުސްތަގުބަލަށް ބޭނުންވަނީ ކޮންކޮން ގޮތްތަކެއްތޯ ފާހަގަކުރުން. މައިގަނޑު ގޮތަކަށް ވަކިވަކި ކަންތައްތަކަކަށްވުރެ ބޮޑަށް އެ ދިރާސާގެ އަލީގައި އަޅުގަނޑުމެން ކުރިޔަށްދާން މި ނިންމީ،” ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ އަޣުލަބިއްޔަތެއް ލިބުނު ނަމަ ކަންކަން ނިންމަން ފަސޭހަވާނެ ކަމަށާއި އެހެން ނަމަވެސް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ޙައިސިއްޔަތުން އަޑުއުފުލަންޖެހޭ ހުރިހާ ކަމެއްގައި އަޑުއުފުލާނެ ކަމުގައެވެ.

ފައްޔާޒު ވިދާޅުވީ މިއީ އެ ޕާޓީގެ ލީޑަޝިޕް ބަދަލުކުރަންޖެހޭ ވަގުތު ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެ ޕާޓީ އަލުން ވަރުގަދަކުރުމަށް ފަހު، ލީޑަޝިޕް ބަދަލުކުރަން ޖެހިއްޖެ ނަމަ، އެ ފުރުސަތު ދޭނެ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ކޮންގްރެސްގައި ވެސް ޕާޓީގެ ލީޑަޝިޕް ބަދަލުކުރުން ފަދަ ކަންކަމާ މެދު މަޝްވަރާކޮށް، އެ ފަދަ ކަމަކަށް ޖާގަ ބޭނުންވާ ކަމުގައިވާ ނަމަ، އެ ޖާގަ އޮންނާނެ ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މިއީ އެމްޑީޕީ ރިޔާސީ އިންތިޚާބަކާއި މަޖިލިސް އިންތިޚާބަކުން ބަލިވި ފުރަތަމަ ފަހަރު ނޫންކަމަށާއި އެޕާޓީއަކީ ކާމިޔާބީއާ ނާކާމިޔާބީއަށްވެސް ފަރިތަ ޕާޓީއެއްކަމަށެވެ.

“އަޅުގަނޑުމެންގެ ޤައުމީ މަޖިލީހުން އަނެއްކާވެސް މި އެއްބަސްވީ އަލުން ތަރުތީބުވެލައިގެން ނުކުމުގެ އެމްޑީޕީގެ ފިލޯސަފީތަކާއެއް އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތްކުރުމާއި ރައްޔިތުން ބޭނުނުންވާ ކަންތައްތައްކޮށްދިނުމުގައި ޕާޓީގެ މެންބަރުން އަތާއަތް ގުޅާލައިގެން ނިކުމެ އަނެއްކާވެސް ބާރަށް މަސައްކަތް ފެށުމަށް” އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލިހުގެ ބައްދަލުވުމެއް ރޭ ބާއްވާފައިވާއިރު، 20 ވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުން އަދަދު ވަނީ 73 އަށް އަރާފައެވެ.
ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވާދަކޮށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން މަޖިލީހުގެ 66 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވާއިރު، އިދިކޮޅު އެމްޑިޕީއަށް ކާމިޔާބުކުރެވުނީ 93 ދާއިރާއަށް ވާދަކޮށްގެން 12 ގޮނޑިއެވެ. މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރި 11 ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު ވަނީ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ. އެހެންކަމުން، 20 ވަނަ މަޖިލީހުގައި ޕީއެންސީގެ މެންބަރުން އަދަދު ވަނީ 73 އަށް އަރާފައެވެ.

ޓެގު