English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ސްޕެއިންގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިޔުނިކް ބައްދަލުކުރާއިރު، މި މެޗަކީ އުނދަގޫ މެޗަކަށް ވިޔަސް ރެއާލް ބަލިކުރެވޭނެ ކަމަށް ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޓުޗެލް ބުނީ މިރޭގެ މެޗަކީ އޭނާގެ ޓީމު ކުޅޭނެ އެންމެ އުނދަގޫ އަދި ވަރުގަދަ މެޗަށް ވާނޭކަމަށާއި ނަމަވެސް މެޗާއި މެދު އިތުބާރު އެބައޮތްކަމަށެވެ.

ޓުޗެލް ބުނީ ރެއާލް އަކީ ޗެމްޕިއަންސް ލީގާއި އެންމެ ރައްޓެހި އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށާއި މިރޭގެ މެޗު ފަސޭހަނުވާނޭކަމަށެވެ. ނަމަވެސް މުބާރާތުގެ ސެމީއާއި ހަމައަށް އައީ ވަރުގަތަ މެޗުތަކެއް ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރެގެންކަމުން މިރޭގެ މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ އިތުބާރު އެބައޮތްކަމަށެވެ.

” ރެއާލް އަކީ ހުރިހާ ގޮތަކުންވެސް އަހަރެމެންނަށް ވުރެ، ވަރުގަދަ ޓީމެއް. މެޗަށް ނުކުންނާނީ އެކަން ދެނެހުރެ. ސެމީއާއި ހަމައަށް މި އައީ ވަރުގަދަ ތީމުތަކެއް ބަލިކޮށްގެން، އެހެން ކަމުން މިރޭގެ މެޗާއި މެދު އިތުބާރު އެބައޮތް. ރެއާލް ބަލިކުރެވޭނެ.” ނޫސްވެރިންނާއި ވާހަކަދައްކަމުން ބަޔާންގެ ކޯޗު ޓުޗެލް ބުންޏެވެ.

ޓުޗެލް އިތުރަށް ބުނީ ރެއާލް ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ނުކުންނައިރު، ރަނގަޅު ސްކޮޑެއް އޮތުމަކީ ހިންހަމަޖެހޭ ކަމެއް ކަމަށާއި ބަޔާން އޮތީ މިރޭގެ މެޗަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް އެންމެ ފުރިހަމައަށް ވެފައިކަމަށެވެ.

ބަޔާން އަދި ރެއާލް އަކީ ޗެމްޕިއަންސް ލީގުގެ ބޮޑު ދެ ވާދަވެރިންކަމަށް ވީއިރު، މި ދެޓީމު އެންމެ ފަހުން ޗެމްޕިއަންސް ލީގު ސެމީއެއްގައި ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. އެފަހަރު ފުރަތަމަ ލެގުގެ މެޗުން ބަޔާންގެ ދަނޑުގައި ރެއާލް މޮޅުވެފައިވަނީ 1-2 އިންނެވެ. އަދި ރެއާލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު 2-2 އިން އެއްވަރުވެ ޕެނަލްޓީގައި ކުރިހޯދާ ފައިނަލަށް ދަތުރުކުރީ ރެއާލް އެވެ.

ރެއާލް އަދި ބަޔާން ބައްދަލުކުރާ ޗެމްޕިއަންސް ލީގު ސެމީގެ ފުރަތަމަ ލެގުގެ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.