English Edition
Dhivehi Edition
މޯލްޑިވްސް މީޑިއާ ކައުންސިލުގެ މީޓިންގ އެއް - ފޮޓޯ: އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާންމު މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުމުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީކުރުމުގެ ސުންގަޑި ފަސްކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ނެރުނު އިޢުލާނެއްގައި ވާ ގޮތުން، ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލި މުއްދަތު އިތުރު ކުރުމަށް ނިންމައިފިއެވެ. ވޯޓުލުމަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފޯމު ވެސް ވަނީ އެ އިޢުލާނާއެކު ޝާއިޢުކޮށްފައެވެ.

ރަޖިސްޓްރޭޝަން ފޯމު ބަލައިގަތުމަށް ކަނޑައަޅާފައި ވަނީ، މިއަދާއި މާދަމާ އަދި މެއި 2 ވަނަ ދުވަހާއި މެއި 5 ވަނަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު ޔޫތު މިނިސްޓްރީ (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުގައެވެ.

މީގެ އިތުރުން، މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅިދާނެއެވެ. ނަމަވެސް ހުށަހަޅާ ހުރިހާ ލިޔުމެއް ވެސް އީމެއިލް ކުރާއިރު ޕީޑީއެފް ފޯމެޓުގައި އޮންނަން ޖެހޭނެއެވެ.

އެމްއެމްސީގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން ވެސް ހުޅުވާލާފައި ވީ ނަމަވެސް އެކަށީގެންވާ މިންވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ، އިންތިޚާބީ މަރުހަލާތައް ފަސްކޮށް، ވޯޓު ރަޖިސްޓްރޭޝަން އަލުން ހުޅުވާލަން ޖެހުނު ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

މީޑިއާ ކައުންސިލަކީ ނޫސްވެރިކަމުގެ ހަމަތައް ހިފެހެއްޓުމަށާއި އިންސާފުވެރި، މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމަށް މަސައްކަތްކުރާ މުސްތަޤިއްލު މުއައްސަސާއެކެވެ. މި ކައުންސިލުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުންނާއި ނޫސްވެރިންގެ ތެރެއިން އިންތިޚާބުކުރެވޭ މެންބަރުންނެވެ.