English Edition
Dhivehi Edition

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ފްރާންސް ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

ޕީއެސްޖީއަށް ލީގު ކަށަވަރުވީ ރޭ 2-3 ގެ ނަތީޖާއިން މޮނާކޯގެ މައްޗަށް ލިޔޯން ކުރިހޯދުމުންނެވެ. ލީގުގައި ބާކީ އަދި ތިންމެޗު އޮއްވާ ޕީއެސްޖީއަށް ލީގު ކަށަވަރުވިއިރު، މިއީ ފަރާންސް ލީގު އެ ކުލަބުން ހޯދި 12 ވަނަ ފަހަރެވެ.

ޕީއެސްޖީއަށް ލީގު ކަށަވަރުވިއިރު، އެޓީމު މިވަގުތު އޮތީ މިހާތަނަށް ލީގުގައި ކުޅުނު 31 މެޗުން ލިބުނު 70 ޕޮއިންޓާއި އެކު ލީގުގެ އެއްވަނާގައެވެ. ދެވަނާގައި އޮތީ މޮނާކޯއެވެ. މޮނާކޯ ރޭގެ މެޗުން ލިޔޯންއަތުން ބަލިވުމުން އެޓީމަށް ލީގުގެ ދެވަނަ ލިބެނީ ކުޅުނު 31 މެޗުން 58 ޕޮއިންޓު ލިބިގެންނެވެ.

ޕީއެސްޖީ އަށް ލީގުގައި ކުރިޔަށް އަދި ތިން މެޗު އޮތްއިރު، އޭޓީމަށް އޮތް ތިން މެޗަކީ އަންނަ މަހުގެ 12 ވަނަ ދުވަހު އަމިއްލަ ރަށުގައި ޓޫލޫސް އާއި ދެކޮޅަށް ކުޅޭ މެޗާއި، އަންނަ މަހު 19 ވަނަ ދުވަހު ރަށުން ބޭރުގައި މެޓްޒްއާއި ދެކޮލަށް ކުޅެން އޮތް މެޗުގެ އިތުރުން އަންނަ މަހުގެ 25 ވަނަ ދުވަހު ރަށުން ބޭރުގައި ލިޔޯންއާއި ދެކޮޅަށް ކުޅޭ މެޗެވެ.

ޕީއެސްޖީއަށް ލީގު ކަށަވަރުވުމާއި އެކު، ކުލަބުގެ ރައީސް ނާސިރު އަލް ޚެލައިފީ ވަނީ ކުލަބުގެ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ކުލަބުގެ ހުރިހާ ޑިޕާޓްމަންޓެއްގެ ސްޓާފުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެގޮތުން ޚެލައިފީ ވިދާޅުވީ ކުލަބުގެ ހުރިހާ ކުޅުންތެރިންނާއި ކޯޗު ލުއިސް އެންރިކޭ އާއި އޭނާގެ ސްޓާފުންނާއި ލުއިސް ކެމްޕޯސް އާއި އޭނާގެ ސްޕޯޓްސް ޑިޕާޓްމަންޓާއި ކްލަބުގެ އެންމެންނަށް މަރުހަބާކިޔާ ކަމަށެވެ. އަދި މިއީ ޑިފެންޑިން ޗެމްޕިއަން ޓީމަށް ފާހަގަކޮށްލެވޭ ކާމިޔާބު ސީޒަނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

” ކުލަބުގެ ހުރިހާ ކުޅުންތެރިންނާއި އަހަރެމެންގެ ކޯޗު ލުއިސް އެންރިކޭ އާއި އޭނާގެ ސްޓާފުންނާއި ލުއިސް ކެމްޕޯސް އާއި އޭނާގެ ސްޕޯޓްސް ޑިޕާޓްމަންޓާއި ކްލަބުގެ އެންމެންނަށް ވަރަށް ބޮޑަށް މަރުހަބާ،” ކްލަބުގެ ރައީސް ނާސިރު އަލް ޚޭލައިފީ ވިދާޅުވެފައިވެއެވެ.

ޕީއެސްޖީން 12 ވަނަ ފަހަރަށް ފްރާންސް ލީގު ޗެމްޕިއަން ކަން ހޯދިއިރު، މި ސީޒަނުގައި ލީގުގައި އެޓީމު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ނީސް އާއި ދެކޮލަށް ކުޅުނު މެޗުންނެވެ. އެ މެޗުން ޕީއެސްޖީ ބަލިވީ 3-2 ގެ ނަތީޖާއިންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ އިންވެސް ޕީއެސްޖީ ޖާގަ ހޯދާފައިވާއިރު، ދެން އެންމެ އަވަހަށް ޕީއެސްޖީން ކުޅެން އޮތް މެޗަކީ އެއީއެވެ. ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށް ޕީއެސްކީ ކުޅޭ ސެމީގެ ފުރަތަމަ ލެގުގެ މެޗު އޮންނާނީ އަންނަ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭގައިއެވެ. އަދި ދެވަނަ ލެގު އޮންނާނީ އަންނަ މަހުގެ ހައްވަނަ ދުވަހުގައެވެ.