English Edition
Dhivehi Edition
ފޮޓޯ: މިހާރު ނޫސް

އަލަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހާއި އެކު ބޭނުންވާ އުންމީދުތައް ހާސިލް ކުރުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި، މީޑިއާތަކާއި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ކާމިޔާބީއާއި އެކު ބޭނުންވާ އުންމީދުތައް ހާސިލް ކުރުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށާއި ރައްޔިތުންގެ ނިންމުމަކީ މިނިވަން، މުސްތަގިއްލު ޤައުމެއް ބިނާކޮށް ފުދުންތެރިކަމާއި ތަރައްގީ ބޭނުންވާކަން އެނގިގެންދިޔަ ނިންމުމެއް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންތިޚާބުން ފެނިގެންދިޔައީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި ރާއްޖެ އޮންނަން ރައްޔިތުން ބޭނުން ނުވާ ކަން ކަމަށާއި މިދިޔަ ފަސް މަހުގެ ތަޖުރިބާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންނާއެކު ކުރިއަށްދެވޭނެ ވެރިއެއްކަމަށް ރައްޔިތުން ގަބޫލުކުރާކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމަކީ މިނިވަން، މުސްތަގިއްލު ޤައުމެއް ބިނާކޮށް ފުދުންތެރިކަމާއި ތަރައްގީ ބޭނުންވާކަން އެނގިގެންދިޔަ ނިންމުމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންތިޚާބުން ލިބުނު ކާމިޔާބީއާއި އެކު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކުރައްވާ ކަންކަމަށް 20 ވަނަ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމަށާއި އަމާޒު ހިފާނީ ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

“މި ލިބުނު މެޖޯރިޓީއާއެކު ފެނިގެންދާނީ ތަހުޒީބު މުޖުތަމައުގައި ރައްޔިތުންގެ މަޖިލީހުގައި ކަންކުރާ އުސޫލުން ކަންކުރާތަން. ރައީސް ޚިދުމަތް ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނެ މަޖިލީހެއް. އަމާޒު ހިފާނީ ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަން،” ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު އަބްދުއްރަޙީމް ވިދާޅުވިއެވެ.