English Edition
Dhivehi Edition

ސައުދީ ކިންގްސް ކަޕް ފައިނަލުގައި އަލް ހިލާލް އާއި އަލް ނަޞްރު ބައްދަލުކުރަން ޖެހިއްޖެއެވެ.

މި ދެޓީމު ފައިނަލުގައި ބައްދަލުކުރަން ޖެހުނުއިރު، އަލް ނަޞްރު ފައިނަލުން ޖާގަ ހޯދީ ރޭ ސެމީ ފައިނަލުގައި އަލް ޚަލީޖް އާއި ވާދަކޮށް 1-3 ގެ ނަތީޖާއިން މޮޅުވެގެންނެވެ. އަދި އަލް ހިލާލް ފައިނަލުގެ ޖާގަ ހޯދީ ސެމީގައި އަލް އިއްތިހާދް 1-2 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ.

ރޭގެ މެޗުގައި އަލް ނަޞްރުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ. އަލް ނަޞްރުން ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީވެސް ރޮނާލްޑޯ ޖަހައިދިން ލަނޑުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ރޮނާލްޑޯގެ ހިތްގައިމު ލަނޑުން އަލް ނަޞްރުން ލީޑު ނެގިއިރު، އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ޖަހައިދިނީ ލިބުނު ޕެނަލްޓީއެއްގައި ސަދިއޯ މާނޭއެވެ. އަދި ނަޞްރުގެ ތިންވަނަ ލަނޑު ރޮނާލްޑޯ ޖަހައިދިނީ މެޗުގެ ދެވަނަ ހާފުގައި، މެޗުގެ 57 ވަނަ މިނެޓުގައެވެ. އަލް ޚަލީޖުގެ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ޖަހައިދިނީ އަލް ޓޮރައިސްއެވެ.

ރޭގެ މެޗު ކާމިޔާބުކޮށް ކިންގްސް ކަޕް ފައިނަލުން އަލް ނަޞްރު ޖާގަ ހޯދިއިރު، މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭ މި މުބާރާތުގެ ފައިނަލަށް ނަޞްރު ދިޔަ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ކިންގްސް ކަޕް ފައިނަލެއްގައި ނަޞްރު ކުޅެފައިވަނީ 2020 ވަނަ އަހަރުގައެވެ. 2020 ވަނަ އަހަރުގެ ކިންގްސް ކަޕް ފައިނަލުގައި ވެސް އަލް ނަޞްރު ނުކުތީ އަލް ހިލާލް އާއި ދެކޮޅަށެވެ. މި މެމެޗު 1-2 އިން ނަޞްރު ބަލިކޮށް، ތަށި ނެގީ އަލް ހިލާލުންނެވެ.

މިފަހަރުގެ ކިންގްސް ކަޕް ފައިނަލް އަކީ އަލް ނަޞްރުން ކުޅޭ 15 ވަނަ ފައިނަލެވެ. މީގެ ކުރިން 14 ފައިނަލެއް ކުޅެފައިވާއިރު، އަލް ނަޞްރުން ވަނީ މި މުބާރށާތުގެ ތަށި ހަ ފަހަރު ހޯދާފައެވެ. އެންމެ ފަހުން މި މުބާރާތުގެ ތަށި އަލް ނަޞްރުން ހޯދީ 1990 ވަނަ އަހަރުގައިއެވެ. އޭގެ ފަހުން އެ ޓީމަށް ކިންގްސް ކަޕް ތަށި ލިިބިފައެއް ނުވެއެވެ.

އަލް ހިލާލްއަށް ބަލާއިރު، މިއީ އެޓީމުން ކިންގްސް ކަޕް ފައިނަލު ކުޅޭ 18 ވަނަ ފަހަރެވެ. މީގެ ކުރިން 17 ފައިނަލެއް ކުޅެފައިވާއިރު ހިލާލް އިން ވަނީ މު މުބާރާތުގެ ތަށި 10 ފަހަރު ހޯދާފައެވެ. ހިލާލް އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންވެސް މެއެވެ. އަދި މުބާރާތުގެ ތަށި އެންމެ ގިނަފަހަރު ހޯދުމުގެ ޝަރަފުވެސް އޮތް ޓީމެވެ.

އަލް ހިލާލް އަދި އަލް ނަޞްރު ބައްދަލުކުރާ ކިންގްސް ކަޕް ފައިނަލް މެޗު އޮންނާނީ މި މަހުގެ 31 ގައެވެ.